އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އެމަނިކުފާނުގެ ކެމްޕެއިނުގައި މަސައްކަތް ކުރެއްވި ނަމަވެސް އެސްޓީއޯގެ މަސައްކަތްތައް ބާރަށް ކުރިޔަށް ދާނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާއެކު މި އިންތިހާބުގައި ދެން ވާދަ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. މަސްވެރިކަމުގެ ސިނާއަތް އެންމެ ބޮޑު ހުވަދޫއަށް ވަޑައިގެން، ގދ. ތިނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު މިއަދު ވަނީ ނުސީދާކޮށް އަމްރު އަށް އިންޒާރު ދެއްވާފައެވެ.

“ސަރުކާރުގެ ސިޔާސަތެއް، ތަންފީޒު ކުރުމުގައި ސަރުކާރުގެ އެއްވެސް އޮފީހަކުން އެއްވެސް ކުންފުންޏަކުން ފަހެއް ނުޖެހޭނެ. އެކަންތައްތައް އަޅުގަނޑުމެން ކުރާނަން. އަދި ކުރެވޭ ގޮތަށް އެކަންތައްތައް އަޅުގަނޑުމެން ބަދަލު ކުރާނަން،” ރައީސް ވިދާޅުވިއެވެ.

“ތިމާގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން ސަރުކާރުގެ މިފަދަ މަޝްރޫއުތައް ހުއްޓުމަކަށް ނުގެނެވޭނެ.،” ހުވަދޫއަށް ނިސްބަތްވެވަޑައިގަންނަވާ އަމްރަށް އިޝާރާތްކޮށް ރައީސް ވިދާޅުވިއެވެ.

https://twitter.com/HusenAmr/status/1617128685194342400?s=20&t=02ElM56Xbcd42HBfI_NGYg

އެކަމާއި ގުޅިގެން ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ އެމްޑީ އަމްރު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ރައީސް ނަޝީދާއެކު ކެމްޕޭނަށް ދިއުމުގެ ކުރިން ރައީސް ސޯލިހަށް ގުޅުއްވާ އެ ވާހަކަ ދެންނެވިން ކަމަށެވެ. އަދި ރައީސް ނަޝީދާއެކު ކުރިޔަށް ވަޑައިގަންނަވާ ސަބަބާއި ޕާޓީ އެތެރޭގެ އިންތިހާބުގައި ގެންގުޅޭ ވިސްނުމުގެ ސަބަބުން އެސްޓީއޯ އިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް މަޑުޖެހުމެއް ނާންނާނެ ވާހަކަ ވެސް ދެންނެވިން ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެސްޓީއޯ އިން ކުރަމުން ގެންދަނީ ގައުމީ މަސައްކަތެއް ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުންނަށް ދޭ ހިދުމަތެއް ކަމަށާއި އެސްޓީއޯ އިން ކުރަމުން ގެންދާ މަސައްކަތްތައް ބާރަށް ކުރިޔަށް ދާނެ ކަމަށެވެ.