މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވަން ނިންމެވީ އެމަނިކުފާނަކީ ކަންކަމުގައި ދޫދެއްވާ ބޭފުޅަކަށް ވާތީވެ ކަމަށް ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގައި ހުންނަ ރައީސް ސޯލިހުގެ ކެމްޕޭނު އޮފީސް ހުޅުވުމަށް މާދަޑުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރަފީގް ވިދާޅުވީ ފުވައްމުލަކަށް މި ސަރުކާރުން ކޮށްދޭ ކަންތައްތަކުގެ ވާހަކަ ދެއްކުމުގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށެވެ. ސަބަބަކީ ސަރުކާރުން އެ ސިޓީއަށް ގެންނަ ތަރައްގީ ހުރިހާ ރައްޔިތުންނަށް ފެންނަން އޮތަތީވެ ކަމަށް ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ ރައީސް ސޯލިހުގެ ދައުރުގައި އެމަނިކުފާނު ކުރެއްވި މަސައްކަތްތަކަށް ދެއްވާނީ "އޭ ޕްލަސް" އެއް ކަމަށެވެ. އެއަށް ފަހު އޭނާ ތަފްސީލުކޮށްދެެއްވީ ރައީސަށް ތާއިދުކުރަން ނިންމެވި ސަބަބެވެ.
"ރައިސާކަށްވާ މީހަކު ވާން އެބަޖެހޭ ދޫދިނުމުގެ ވިސްނުން ގެންގުޅެން، ކޮމްޕްރޮމައިޒް ކުރަން. ރައްޔިތުންގެ ބޭނުންތައް އެނގެން" އޭނާ ވިދާޅުވިއެވެ.
މޭޔަރު ވަނީ ރައީސް ސޯލިހުގެ ސަރުކާރުން ފުވައްމުލަކަށް ކޮށްދެއްވާފައިވާ ބައެއް ކަންތައްތަކުގެ ތަފްސީލު ދެއްވާފައެވެ. ރަށުގައި 2.9 ކިލޯމީޓަރުގެ ތާރުއެޅުމާއި، 18.5 ކިލޯމީޓަރުގެ މަގު ހެދުމާއި 400 ހައުސިން ޔުނިޓްގެ މަޝްރޫއުތަކަކީ މޭޔަރު ފާހަގަކުރެއްވި ގޮތުގައި މިހާރު ހިނގަމުންދާ އެންމެ މުހިއްމު މަޝްރޫއުތަކެވެ. އެއިން ބައެއް މަޝްރޫއުތަކަކީ ކުރީ ސަރުކާރުން އިއުލާންކުރި މަޝްރޫއުތަކެއް ކަމަށްވިޔަސް އެކަންތައް އޮތީ ހުއްޓިފައި ކަމަށާއި އެ މަޝްރޫއުތައް އަމަލީ ގޮތުން ފެށިގެން ދިޔައީ މި ސަރުކާރު އައުމާއެކު ކަމަށް ވިދާޅުވިއެވެ. މޭޔާރު ވިދާޅުވި ގޮތުގައި އެއިން ދޭހަ ވަނީ ރައީސް، ފުވައްމުލަކަށް ދެއްވާ އިސްކަމެވެ.
"ރައީސާއެކު މަސައްކަތްކުރަން ފަސޭހަކަން. ފުވައްމުލަކު ރައްޔިތުން އެދޭ ކަންތައްތައް ކޮށްދެއްވާކަން. އަޑު އައްސަވާފައި ދޫކޮށްނުލާކަން" ރައީސަށް ތައުރީފް ކުރައްވަމުން މޭޔަރު ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި ފުވައްމުލަކުގައި ގައުމީ ޔުނިވާސީޓީގެ އައިޓީ ފެކަލްޓީ ބިނާކުރުމާއި ޓިވެޓް ސެންޓަރު ބިނާކުރުމުގެ އިތުރުން ބަނދަރު ބޮޑުކުރުން އަދި ރަންވޭ ދިގުކުރުމުގެ މަސައްކަތް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. މި ދައުރުގައި ވަޒީފާ އުފެދުނު ވަރަކަށް މިދިޔަ 20 އަހަރުގައިވެސް ވަޒީފާ ނުއުފެދޭކަންވެސް މޭޔަރު ވަނީ ވިދާޅުވިއެވެ. އެއީ ހަމައެކަނީ ސިޔާސީ މަގާމުތަކެއް ނޫނެވެ.
"މިސާލަށް ޓްރެޑް ނެޓްގެ ކޯލް ސެންޓާ. ޔަގީނުންވެސް 50 މުވައްޒަފުން އެބަ މަސައްކަތް ކުރޭ. މޯލްޑިވްސް ކޯލް ސެންޓާ ހުޅުވިގެން ދިޔައީ، އެވެސް ގާތްގަނޑަކަށް 16 ވަޒީފާ. އެންސީއައިއިޓީ ކޯލް ސެންޓާ އެބަހުރި އެޗްޑީސީ ކޯލްސެންޓާ އެބަހުރި. އެވެސް ވަރަށް ފަހުން އިތުރު 10 ވަޒީފާ" ތަފްސީލު ދެއްވަމުން ވިދާޅުވިއެވެ.
މިއީ އެތައް އާއިލާއަށް ލިބޭ ވަޒީފާ އަދި އާމްދަނީ ކަމަށާއި އެހެންކަމުން ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީ ގެނައުމަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ. ކޯލް ސެންޓާ ފަދަ ހިދުމަތް ދިނުމަށް އިތުރު ކުންފުނިތައް ގެނައުމުގެ ވިސްނުން ކައުންސިލްގެ އެބަހުރި ކަމަށާއި އެކަމުގައި ރައީސްއާ މަޝްވަރާ ކޮށްގެން ހެޔޮ ބަދަލުގެންނާނެ ކަމަށް ވިދާޅުވިއެވެ.