ރިޔާސީ އިންތިހާބަށްވުރެ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބައެއް ބޭފުޅުންނަށް މުހިއްމުވެގެން އުޅޭތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަަދު ސާލިހު އެމްޑީޕީގެ މެމްބަރުންނަށް ހާއްސަ އިލްތިމާސެއް ކުރައްވައިފިއެވެ.
ޕްރައިމަރީގެ ކެމްޕެއިނަށް ފުވައްމުލަކު ސިޓީ އަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ވެރިކަމުގައި ތިބެގެން ނޫނީ އެހެން އިންތިހާބުތައް ކާމިޔާބު ކުރުމަކީ ދަތި އުނދަގޫ ކަމެއް ކަމަށެވެ. އެގޮތުން 2008ވަނަ އަހަރާއި 2013ވަނަ އަހަރުގައި ވެސް ކަންވީ އެހެންކަމަށް ރައީސް ވިދާޅުވިއެވެ.
"ބައެއް ބޭފުޅުންނަށް ބައެއް ދާއިރާތަކުގައި 2023 ވުރެ، 2024 ކުރިއަށް އެބައާދޭ. ވިސްނަވަންވާނެ ވޭތުވެދިޔަ ތަނުގައި ކަންވެފައި އޮތް ގޮތް،" ރައީސް ވިދާޅުވިއެވެ.
"ދެހާސް ތޭރާގައި ވެރިކަމުގައި އޮތީ ޕީޕީއެމް. ޕީޕީއެމް އިން ބޮޑުތަނުން މަޖިލިސް އިންތިހާބު ކާމިޔާބުކުރި. ކައުންސިލްތައް ނެގި. 2018ގައި އަޅުގަނޑުމެން ވެރިކަމަށް އައުމަށްފަހު ދެން ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބު ބޮޑުތަނުން އަޅުގަނޑުމެން ކާމިޔާބު ކުރިން. ކައުންސިލްތައް ވެސް ހޯދިން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އެހެންކަމުން އެންމެ ފުރަތަމަ ކުރަންވި ކަމަކީ ވެރިކަން ހޯދުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މިއަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ނުކޮށް ކުރިޔަށް އޮތް އެހެން އިންތިހާބުތައް ކާމިޔާބު ކުރުމަކީ ދަތި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ 24 [2024ވަނަ އަހަރުގެ މަޖިލިސް އިންތިހާބު] ބޭނުން ކަމަށްވީ ނަމަވެސް 26 [2026ވަނަ އަހަރު ކައުންސިލް އިންތިހާބު] ބޭނުން ކަމަށްވީ ނަމަވެސް ފުރަތަމަ ކުރަންޖެހޭ ކަމަކީ 23 [މިއަހަރު އޮންނަ ރިޔާސީ އިންތިހާބު] ކާމިޔާބު ކުރުން،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ޕާޓީގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުން ވެސް އެކަމާއި މެދު ވިސްނުމަށް ވަނީ އެދިވަޑައިގެންފައެވެ.