މި މަހުގެ ތެރޭގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޕްރައިމަރީ ކާމިޔާބު ކުރައްވާނީ 70 ޕަސެންޓު ވޯޓުން ކަމަށް، ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދު ކުރައްވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

އާޓްފިޝަލް ބީޗުގައި މިރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މަހްލޫފު ވިދާޅުވީ މިއަދު އެމްޑީޕީގެ ތެރޭގައި ޖެހިގެން އުޅޭ މައްސަލަ އަކީ ބައެއް ފަރާތްތަކުން ބޭނުންވާ މީހާ ވެރިކަމުގައި ނުތިބުން ކަމަށެވެ. ރާއްޖޭގައި ވެރިކަން ކުރުމަކީ ހަމައެކަނި މާލޭ މީހުންނަށް އޮންނަ ކަމެއް ނޫން ކަމަށާއި ރާއްޖެތެރޭގެ އެންމެ ނިކަމެތި މީހާ އަށް ވެސް ރާއްޖޭގައި ވެރިކަން ކުރެވޭނެ ކަމަށެވެ.

"މައްސަލަ އަކީ ވަކި ބޭފުޅަކު ބޭނުންވާ ގޮތަށް ކެބިނެޓަށާއި ސިޔާސީ ހުރިހާ މަގާމުތަކަށް މީހުން އައްޔަނު ނުކުރުން. ވަކި ވަރަކަށްތާ މީހުންވެސް އައްޔަން ކުރެވޭނީ. މައްސަލައަކީ ވިދާޅުވާޙާ ގޮތަކަށް ޕަޕެޓެއްހެން ވެރިކަން ނުކުރުން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ސޯލިހު ވެރިކަމަށް ގެނައީ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އަދި ރައީސް ސޯލިހު ވެރިކަމުން ބާލާނީ ވެސް ރައީސް ނަޝީދު ކަމަށް އެމަނިކުފާނު ގަބޫލުކުރެއްވުމަކީ މައްސަލައެއް ކަމަށް މަހްލޫފު ވިދާޅުވިއެވެ. ވެރިކަމަށް ވާދަ ކުރުމާއި ވެރިކަމަށް ޝައުގުވެރިކަން ފާޅު ކުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި އެއީ ކޮންމެ މީހަކަށްވެސް ލިބިގެންދާ ހައްގެއް ކަމަށް މަހްލޫފު ވިދާޅުވިއެވެ.

"ނަމަވެސް އަޅުގަނޑުމެންގެ ޕާޓީގެ ތެރެއިން ވެރިކަމަށް އަންނަން ކުރާ މަސައްކަތަކީ، އަމިއްލަ ޕާޓީ ތެރޭގައި އޮޅުވާލުމާއި މަކަރު ހެދުމުގެ ތެރެއިން ކުރާ ކަމަކަށްވާ ނަމަ އެކަމާއި އަޅުގަނޑު ހިތާމަކުރަން" މަހްލޫފު ވިދާޅުވިއެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ގާތް ދެ ރަހުމަތްތެރިން ކަމަށްވީ ނަމަވެސް ވެރިކަމާއި ގުޅިގެން ދެ ރައީސުން ހަތުރުންނަށް ބަދަލުވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް މަހްލޫފު ވިދާޅުވިއެވެ. ރައީސް ނަޝީދު ޕްރައިމަރީ އިން ބަލިވެއްޖެ ނަމަ އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރައްވާނެ ވާހަކަ ނުވަތަ ޕްރައިމަރީން ބަލިވެއްޖެ ނަމަ އޮންނާނީ ގޭގައި ކަމަށް ވިދާޅުވުމަކީ، ޑިމޮކްރަސީއާ ބީރައްޓެހި ކަމެއް ކަމަށް މަހްލޫފު ވިދާޅުވިއެވެ.

"ފާއިތުވި ހަތަރު އަހަރު ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރުންވަނީ އޮޕަޒޮޝަން [އިދިކޮޅުން] ނުދޭހާ ގެއްލުން ސަރުކާރަށް ދީފައި،" މަހްލޫފު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުން މަސައްކަތެއް ނުކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނާތީ އެކަމަށް ރައްދު ދެއްވަމުން މަހްލޫފު ވިދާޅުވީ މިހާތަނަށް އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް ތަރައްގީގެ މަޝްރޫއު މި ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި އަދި މިހާރުވެސް ކުރިޔަށްދާ ކަމަށެވެ. ހަމައެކަނި މަހްލޫފު ނިސްބަތްވާ ޔޫތު މިނިސްޓްރީން އެކަނިވެސް 500އަށްވުރެ ގިނަ މަޝްރޫއު ހިންގަމުން އަންނަ ކަމަށް މަހްލޫފު ވިދާޅުވިއެވެ.