ކުރީގެ ރައީސް އަދި މިހާރު އިދިކޮޅުގެ ލީޑަރު ޔާމީން "އޯކޭއެއް ނޫން" ކަމަށާއި އެމަނިކުފާނާ އެކުގައި ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އާޓްފިޝަލް ބީޗުގައި މިރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޑިމޮކްރަސީއަށްޓަކައި އަދި ރާއްޖޭގެ ނިޒާމު ހަމަ މަގުން ހިންގުމަށްޓަކައި ކުރަން ބޭނުން ނުވާނެ ކަންކަން ހުންނާނެ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ތަނުގައި އެމްޑީޕީގެ މެންބަރުން އަނިޔާ އާއި ދެއްކި ބިރާއި އޭގެ ފަހަތުގައި ތިބި މީހުންނާއި އެކުގައި ކުރާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެމީހުންނާ އެކީގައި އަޅުގަނޑު ކުރާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނޯންނާނެ. އެކީގައި ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ. ރައީސް ޔާމީން އޯކޭއެއް ނޫން. އެކީގައި ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ،" ޖޯޝާ ފޯރީގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި ސަރުކާރުން މިހާތަނަށް ކޮށް ނިންމާފައިވާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާ ކުރައްވާފައެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ރައްޔިތުން ނިންމާނީ ދައުލަތުގެ ބަޖެޓުން ތަރައްގީގެ މަޝްރޫއުތަކަށް ހަރަދު ކުރާނީތޯ ނޫނީ ދައުލަތުގެ ބަޖެޓުން ހަރަދު ކުރާނީ ޕެޕާ ސްޕްރޭ އާއި ކަރަންޓު މުގުރާއި އަސޭމިރުސް އާވި ގަންނަންތޯ ރައީސް ވިދާޅުވިއެވެ.

"މިއީ އެމްޑީޕީ ދެވަނަ ދައުރަކަށް ދިއުމަށް ލިބޭ ފުރަތަމަ ފުރުސަތު. ތިޔަ ބޭފުޅުން މި ފުރުސަތުގެ ބޭނުން ހިފާ. އަޅުގަނޑު މިހުރީ ތައްޔާރަށް. ތަފާތު ބޮޑު ތާއީދާއެކު އިރާދަކުރެއްވިއްޔާ އަޅުގަނޑު ކާމިޔާބު ކުރާނަން. އޭގައި އެއްވެސް ޝައްކެއް ނެތް. މިތަނުން މިއޮތީ އެކަން ނިންމާފައި. ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުން ވަނީ ހަމަޖެހިގެން އުޅެވޭނެ ގޮތެއް ކަމަށެވެ. ރައްޔިތުން ބޭނުން ވަނީ ފެންވަރު ރަނގަޅު ތައުލީމެއް ކަމަށާއި ހެޔޮވަރު ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި 16،000އަށްވުރެ ގިނަ ރޯހައުސް އާއި ފްލެޓު އިމާރާތް ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

"ކުޑަ ޝައްކެއް ވިއަސް ނުކުރައްވާތި، ކުޑަ ޝައްކެއްވިއަސް ނުކުރައްވާތި، މާލެ ތޮއްޖެހި މާލެ ހަމަނޭވާ އަށް ފެއްތުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.