"މިތާ މިހިރީ ރައީސް ސޯލިހަށް ތާއިދުކޮށް، ވަޒީފާއެއް އޮވެގެނެއް ނޫން. ލިބޭ އެއްޗެއް އޮވެގެނެއް ނޫން. އެއްޗެއް ހޯދާކަށްވެސް ނޫން،" ކާނިވާ ސަރަހައްދުގައި ތިބި ރައީސްގެ ސަޕޯޓަރުންނާ މުހާތަބުކޮށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒްގެ ވާހަކަ ފެއްޓެވީ މި ހިސާބުންނެވެ. އެމްޑީޕީގެ ޕްރައިމަރީގައި ތާއިދުކުރައްވަނީ ރައީސަށްކަން ރަސްމީކޮށް އިއުލާން ކުރައްވަމުން މަބްރޫކް ވިދާޅުވީ އެމަނިކުފާނަށް ތާއިދުކުރައްވަނީ އެހެން ބޭފުޅަކާއި މެދު ނުރުހިވަޑައިގެނެއް ނޫން ކަމަށެވެ. "އަޅުގަނޑު މިތާ މިހިރީ އެހެން ބޭފުޅަކާ މެދު ނުރުހުންވެގެނެއް ނޫން"

ރައީސް ސޯލިހަށް އޮތް ތާއިދު އޮތް ގޮތުން" ފޯރިއާއި ޖޯޝުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވިއެވެ. އެއަށް ފަހު މަބްރޫކް ތަފްސީލުކޮށްދެއްވީ ރައިސަށް ތާއިދުކުރައްވަން ޖެހިވަޑައިގެންނެވި ސަބަބުތަކެވެ. ރައީސްއާ އެންމެ ގާތުން މަސައްކަތްކޮށްލެވުމުގެ ފުރުސަތު މަބްރޫކަށް ލިބިވަޑައިގެންނެވީ ކޮވިޑް-19 ގެ ބަލިމަޑުކަން ފެށިގެން އައި ދުވަސްވަރުއެވެ. ސަރުކާރުން ގާއިމްކުރި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނަކަށް އޭރު ހުންނެވީ މަބްރޫކެވެ.

[caption id="attachment_8120" align="aligncenter" width="750"] ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަބްރޫކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ[/caption]
ކެޕްޓަނެއް، ލީޑަރެއް
މަބްރޫކް ހަނދާން އާ ކުރެއްވި ކޮވިޑްގެ ފުރަތަމަ ކޭސްތައް ފެނިގެން އައިރު ރާއްޖެ އަދި މުޅި ދުނިޔެއަށް ކުރިމަތިވެފައި އޮތް ބިރުވެރިކަމެވެ. ރަށްރަށުގައި، އެންމެ ފުރިހަމައަށް ކޮވިޑަށް ފަރުވާދެވޭނެ އިންތިޒާމުތައް ހޮސްޕިޓަލުތަކުގައެއް އޭރަކު ނެތެވެ. ރަށްރަށަށް ކާބޯތަކެތީ ގެންދަން މަޝްވަރާ ކުރިއިރު ދުނިޔޭ އެކި ގައުމުތަކުގައި މީހުން މަރުވަމުން ދިޔައެވެ. ރާއްޖެއަށްވުރެ މާ ތަރައްގީވެފައި ހުރި ގައުމުތަކުގައި އެނދެއް ނެތިގެން ހޮސްޕިޓަލަށް ވައްދާ ނުލެވިގެން އަޅާނުލާ މަރުވަމުންދާ މަންޒަރުގެ ވާހަކަ ނޫސްތަކުން ދިޔައީ ރިޕޯޓްކުރަމުންނެވެ. އެކަމަކު އެ ހުރިހާ ކަމެއްގެ ތެރެއިން ހިތްވަރު ދެއްވީ ރައީސް ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ އިގްތިސާދު ހުޅުވި ފަތުރުވެރިން އަންނަން ފަށާފައިވާއިރު ބަލިން ރާއްޖެއިން އަރައިގަނެވުނީ އިއްތިފާގަކުން ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. ވިދާޅުވީ އެކަން އެހެން ހިނގީ ރައީސްގެ މޮޅު ލީޑާޝިޕުން ކަމަށެވެ.

[caption id="attachment_20099" align="aligncenter" width="1024"] މަބްރޫކް ރައީސް ސޯލިހާއި ބައްދަލުކުރައްވަނީ --[/caption]

"ރައީސް ސޯލިހު އެ ދުވަހު ދެއްކެވި ލީޑާޝިޕާއި އެ ދުވަހު ކުރެވެނު ތަޖުރިބާތައް. ފުރަތަމަ ފާހަގަކުރެވުނު ކަމަކީ ރައީސަކީ، ޓީމް ކެޕްޓަނެއް ޓީމް ލީޑަރެއް. ކުރައްވާ ކޮންމެ ކަމެއް ކުރައްވަނީ ޓީމާއެކީ ގައި" މަބްރޫކް ވިދާޅުވީ ރައީސް ކުރައްވާ ހުރިހާ މަސައްކަތެއް ގައި ޓީމްގެ ބައިވެރިވުން އޮވޭ ކަމަށެވެ. "އެންމެ އަސާސީ އެއް ސިފައަކީ އަޑު އެއްސެވުން. ކޮންމެ ރެއަކު ރައީސް ދެ ގަޑިއިރު ތިން ގަޑިއިރު ހޭދަކުރެއްވީ ޓީމާއެކު ރާއްޖޭގައި ހިނގަމުންދާ ކަންކަން ބެއްލެވުމަށް" މަބްރޫކް ގަބޫލުކުރައްވާ ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމުގައި އަރައިގަނެވުނީ ރައީސްގެ ބުރަ މަސައްކަތުންނެވެ.

[caption id="attachment_11086" align="aligncenter" width="2560"] ރައީސް ސޯލިހު އެންއީއޯސީ އަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް[/caption]

"ކޮންމެ މީހެއްގެ ހިޔާލުވެސް ހޯއްދަވާކަން. މިހާތަނަށް އައި ރައީސުންގެ ތެރެއިން އަތޮޅުތަކުގެ ކައުންސލާ އެންމެ ގިނައިން ބައްދަލުކުރެއްވި ރައީސަކީ ރައީސް ސޯލިހު. ހިޔާލު ތަފާތަސް ހިޔާލު އެއްގޮތަށް އަޑު އައްސަވާނެ. ހުރިހާ ހިޔާލެއްގެ ތެރެއިން ގައުމަށް އެންމެ ރަނގަޅުގޮތް ހޯއްދަވާނެ ކަމުގެ ފުރިހަމަ އިތުބާރު އޮވޭ" އޭނާ ވިދާޅުވިއެވެ.

ރައިސަށް ކުރާ އިތުބާރަކީ ހަމައެކަނީ ރައީސް ސޯލިހަށް ކުރާ އިތުބާރެއް ނޫން ކަމަށާއި އެއީ އަޑުއައްސަވާނެ ލީޑަރަކަށް ކުރައްވާނެ އިތުބާރު ކަމަށް ވިދާޅުވިއެވެ. އަދި ކެބިނެޓަށާއި އެމްޑީޕީން މެމްބަރުންނަށް ކުރާ އިތުބާރުކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ރޭވުންތެރިކަން
މަބްރޫކް ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެެއްވީ ރައިސް ރޭވުންތެރިކަމެވެ. ކޮވިޑް ފެށުނުއިރު ދުވާލަކު އަށްހާއެއްހާ މީހުން މަރުވެދާނެ ކަމަށް އެއިރު ސިއްހީ މާހިރުން ދިޔައީ ބުނަމުންނެވެ. އެކަމުގެ ފައިސާ ހޯދާނެ ގޮތުގެ ވާހަކަވެސް އޭރުން ފެށިގެން މަޝްވަރާ ކުރެވުނު ކަމަށެވެ

"ސިޔާސީ ވެރިން ދިޔައީ ޖޯކު ޖަހަމުން. މާ ބޮޑަށް ސަރުކާރުން މަސައްކަތްކުރަނީ. ރައީސް ދެއްވީ ކަންކަން ރާއްވަމުން. ޑޮކްޓަރުން ލިސްޓުކޮށްފައި ދިން ކުރަން ޖެހޭ މަސައްކަތާއި ގެންނަން ޖެހޭ ތަކެއްޗާއި އެތަކެތި ހޯދާނެ ގޮތް ހޯދަމުން" ރައީސްގެ ރޭވުންތެރިކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވިއެވެ.