އެމެރިކާގެ ވިސާ އަކީ ހޯދަން އުދަނގޫ ވިސާއެކެވެ. އާއްމު އުސޫލަކުން ނަމަ އެމެރިކާ ވިސާ ލިބެނީވެސް ގިނަ މަރުހަލަތާކެއް ކަނޑަތުކުރުމަށް ފަހުއެވެ. އެއްބައި ފަހަރު ވިސާ ލިބެން އަހަރަކަށްވުރެވެސް ގިނަ ދުވަސް ނަގައެވެ. ދެކުނު އޭޝިޔާގެ ގައުމުތަކުގައި ޔޫރަޕްއާ އެމެރިކާ ވިސާ ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން މީހުން އަތުން ފައިސާ ނެގުމަކީ އާއްމު ކަމެކެވެ. ދާދި ފަހުން ބަންގްލަދޭޝުން ވަނީ އެމެރިކާ ވިސާ ހޯދައިދޭނެ ކަމަށް ބުނެ މީހުންނަށް އޮޅުވާލަމުންދާ ބޮޑު "ގޭންގް" އެއް އަތުލައިގަނެފައެވެ.

ވިސާ ޕްރޮސެސް ކުރަން ކަމަށް ބުނެ އެންމެ ފުރަތަމަ މި މީހުން ހޯދަނީ ނުވަ ހާހާއި ސާދަ ހާސް ޑޮލަރުގެ އަދަދެކެވެ. އެއަށް ފަހު ފޯމު ހުށަހަޅާ ފަރާތުގެ ޕާސްޕޯޓުގައި ފޭކް ވިޒިޓް ވިސާ ޖަހައެވެ. އެއީ އެހެން ގައުމުތަކަށް ޒިޔާރާތް ކުރިކަމަށް ދެއްކުމަށެވެ. ހެއްކެއްގެ ގޮތުގައި އިމިގްރޭޝަންގެ ސީލްތައް ވެސް ޖަހާފައެވެ. އެއަށް ވިސާ ހޯދަން އެދި ހުށަހަޅާ ފަރާތާއި އެމެރިކާގެ އެމްބަސީއާ ދެމެދު އެޕޮއިންޓްމަންޓެއް ހަދައެވެެ. މިކަންތައް ފަޅާއެރި ބަންގަލަދޭޝް ގައި ހުންނަ އެމެރިކާ އެމްބަސީގެ މުވަޒަފެއް ކަމަށް މައިކަލް ލީ ނަމަކަށް ކިޔާ މީހަކު ޑާކާގެ ގުލްޝަން ނަމަކަށް ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހެޅުމުންނެވެ.

ފުލުހުންގެ ޑިޓެކްޓިވް ބްރާންޗުގެ ސައިބާ އެންޑް ސްޕެޝަލް ކްރައިމުން ވަނީ މައްސަލާގައި ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންނަކީ ޓްރެވެލާސް ޑައިރީ ނަމަކަށް ކިޔާ އެޖެންސީގެ ވެރިޔާއާއި ހެޕީ ހޮލިޑޭ އެޖެންސީގެ ވެރިޔާގެ އިތުރުން އެ މީހުންގެ ބައިވެރިންނެވެ. ވިސާއަށް އެދި ފޯމް ހުށަހަޅަން ޕަލާޝް ނަމަކަށް ކިޔާ މިހަކު އެމްބަސީއަށް ދިޔައީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާގެ ޕާސްޕޯޓުގައި ދެ ގައުމަކަށް ދަތުރުކުރި ކަމުގެ ސްޓޭޕްމްތައް ހުއްޓެވެ. އެއީ މެލޭޝިޔާއާއި ރާއްޖެއެވެ. ނަމަވެސް މިއިން އެއްވެސް ގައުމަށް އޭނާ ދަތުރެއް ނުކުރެއެވެ. ޕާސްޕޯޓް ޖަހާފައިވާ ސްޓޭމްޓް ތަކަކީ ފޭކް ސްޓޭމްޕްތަކެއް ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ.

ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ވިސާ އިންޓަވިއުއަށް އެދި ހުށަހެޅި ކަމަށްވާ މަހާބުބުރުގެ ޕާސްޕޯޓުގައިވެސް އޭނާ ރާއްޖެއާއި ކަމުގެ ސްޓޭޕްތަކެއް ހުއްޓެވެ. އޭނާގެ ޕާސްޕޯޓުގެ 11 ވަނަ ސަފުހާގައި ޖަހާފައިވާ ސްޓޭމްޕްތަކަކީ ރާއްޖެއަށް އެތެރެވި ކަމުގެ ސްޓޭމްޕުތަކެއް ކަމަށް އޭނާވެސް ވަނީ އިއުތިރާފުވިއެވެ. ސެޕްޓެމްބަރު 18 ގައި ވަޒީފާއަށް އެދެންވެސް ވިސާ އެޕޮއިންޓްމަންޓަށް އެމްބަސީއަށް ދިޔަ އެމްޑީ މިލޮންގެ ޕާސްޕޯޓުގެ 22 ވަނަ ސަފުހާގައި ރާއްޖެއަށް އައި ކަމުގެ ސްޓޭމްޕްތަކެއް ޖަހާފައި ހުއްޓެވެ. އެއީ ފޭކް ސްޓޭމްޕްތަކެއް ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޑީބީގެ އެޑިޝަނަލް ޑެޕިއުޓީ ކޮމިޝަނަރު ޖުނާދު އަލަމް ޝަރުކަރް "ދަ ޑެއިލީ ސްޓާ" އަށް ވިދާޅުވީ ވިސާ ހޯދަން ހެޕީ ހޮލިޑޭސް އެޖެންސީގެ އެހީތެރިކަން ހޯދި ކަމަށް އެ މައްސަލާގައި ހައްޔަރުކުރި މަހާބޫބުރު އިއުތިރާފުވެފައިވާ ކަމަށެވެ.

"އެޖެންސީތަކުގެ ވެރިންނާއި އެމީހުންގެ ބައިވެރިން ތަހުގީގަށް އިއުތިރާފްވީ ފާއިތުވި ދެތިން އަހަރު ވެސް އެފަދަ ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވި ކަމަށް،" ޖުނާދް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ގޭންގުގައި ހިމެނޭ މެމްބަރުންގެ ތަފްސީލް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.