ވ. އާރަށު މައްސަލާގައި ކްރިމިނަލް ކޯޓުން 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީނާއި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުން މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ކ. މާފުށީ ޖަލުގައެވެ. އެ ބައްދަލުކުރެއްވުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރާއި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

https://twitter.com/Banafsaa/status/1615780255901577216?s=20&t=imXqsbEko0GcWkQC0t7VYg

އެ ބައްދަލުވުމާއި ގުޅޭ ގޮތުން އަދުރޭ ވިދާޅުވީ ރައީސް ޔާމީނާ މިއަދު ބައްދަލުކުރެވުނު ކަމަށެވެ. އެމަނިކުފާނު ހުންނެވީ "ފިސާރި ގަދަކޮށް" ކަމަށް އަދުރޭގެ ޓްވީޓުގައި ވިދާޅުވިއެވެ.

"ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެ ކަމަށް. އަޅުވެތިކަމަށް ބޯ ނުލައްބަވާނެ ކަމަށް. މައުސޫމުކަން ސާބިތުކޮށް ދެއްވާނެ ކަމަށް. ރައްޔިތުން މާޔޫސްނުވެ ގަދަކޮށް ތިއްބެވުމަށް،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ވ. އާރަށުގެ މައްސަލާގައެވެ. އެގޮތުން މިދިޔަ މަހުގެ 25ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.
އާރަށުގެ މައްސަލައަކީ ޔާމީނާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
އެ މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ 2021ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24ވަނަ ދުވަހުއެވެ.
ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ ޔޫސުފް ނައީމްގެ އެކައުންޓަކުން ދޫކުރި ޗެކެއް ޔާމީންގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުން އެނގެއެވެ. އަދި ޔާމީނަށް ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ އިންވެސްޓްކޮށްފައިވާ ކަމަށާއި ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މުސާރައާ ނުބައްދަލު އާމްދަނީއެއް ލިބުމުން، އެ ފައިސާއާމެދު ސުވާލު އުފެދޭ ކަމަށް ހުކުމް ކުރައްވަމުން ގާޒީ ވިދާޅުވިއެވެ.
ދައުލަތުން އެދުނީ ރިޝްވަތު ދިނުމާއި ގަބޫލު ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން، 8 އަހަރަށް ޔާމީން ޖަލަށްލުމަށެވެ. އަދި މަނީލޯންޑާ ކުރުމުގެ އަދަބެއްގެ ގޮތުން 11 އަހަރަށް އޭނާ ޖަލަށްލުމަށް އެދިފައިވެއެވެ. އެހެންކަމުން ޖުމްލަ 19 އަހަރަށް ޔާމީން ޖަލަށްލުމަށް އެދިފައިވެއެވެ.
ހުކުމް އިއްވަމުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ދައުލަތުން ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ ހަތަރު އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ. އަދި ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ ހަތް އަހަރު ދުވަހަށް ޖަލަށްލާން ހުކުމް ކުރާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށާއި އެފައިސާ މިއަދުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ހުކުމް ކުރެއްވިއެވެ.