މިދާ މަގުން ގޮސްގެން ދިވެހި ރައްޔިތުން މަގުމަތި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބޮޑުތިލަދުންމައްޗާއި އުތުރަށް ގެންނަ ބޮޑު ބަދަލު ކަމަށްވާ، ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިރޭ ފެށިގެން ދިޔައީ ބޮޑު އުތުރާއި މުޅި ބޮޑުތިލަދުން މައްޗަށް ތާރީހުގައި ވެސް އަންނާނެ އެންމެ ބޮޑު ބަދަލުގެ މަސައްކަތް ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރާ ވަކި އުސޫލުތަކެއް ވައްޓަފާޅިއެއް އޮންނަ ކަމަށެވެ. އަދި ކުރާ ކޮންމެ މަސައްކަތަކާއި، ހިންގާ ކޮންމެ މަޝްރޫއުއެއް ހިނގާނީ އެ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާރު މުޅިރާއްޖެއަށް މިގެންނަ ތަރައްގީގެ ބަދަލު އަޅުގަނޑުމެން ފުރަތަމަ ފަށަނީ ގަލަމު ތުނޑުން. ރަނގަޅަށް ދިރާސާ ކުރެވި ހިސާބު ކިތާބުން ނަތީޖާ ހޯދުން. އެނަތީޖާގެ މައްޗަށް ފުރިހަމަ ޕްލޭނެއް ހެދުން. އެގޮތަށް އެކަން ނުކުރެވިއްޖެނަމަ މިޒަމާނުގާ އެއީ ނުވާކަމެއް ފަދަ ކަމެއް. އެގޮތަށް އެކަން ނުކޮށްފިނަމަ އެއީ ހަމަ ކަނޑުގައި އެޅި ރޮނގެއް. އެއާ އިދިކޮޅަށް ކަންކުރީމާ ދެން ވާނީ މާދެރަގޮތެއް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވިސްނުމާ ފިކުރާ ހިކުމަތްތެރިކަމާއި ކެތްތެރިކަމާ ނުލާ ދެމެހެއްޓެނިވި ތަރައްގީއެއް ނުލިބޭނެއެވެ. ގައުމާއި ރައްޔިތުންގެ ކަންކަން ހަމަމަގުން ހިންގޭނީ ވަކި ހަމަތަކަކުން ކަމަށް ރައީސް ވިދާޅުވިއެވެ.
"ވަރަށްގިނަ އަމިއްލަ އިހްސާސާ ދޭދޭ ޖަޒްބާތު އެއްފަރާތް ކޮށްގެން. ކެހި ކަނޑުލުގެ ހިތި ފިލުވޭނެ ކެތްތެރިކަމާ ވިސްނުން ނެތި، ކަނޑޫ ކަހައިފިނަމަ، އެހިތި އެންމެންގެ އަރުގާ ލާނެ. ކުރިއަށްދާން ޖެހޭ ސީދާ މަގުން ކައްސާލާ މަގުމަތިވާނެ. ވިސްނުމެއް ރޭވުމެއް ނެތިއްޖެނަމަ، ރޭވެއަލި ވިލޭއިރު އެންމެން އެކީ އެއްފަހަރާ ބިކަވާނެ. ކޮންމެ ކަމަކަށް ވެސް ދެމެހެއްޓެނިވި ވިސްނުމަކާ، ފެންހިފޭ ޕްލޭނެއް އޮންނަންވާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ނިމުމާއެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑު ތިލަދުންމައްޗާއި އުތުރުގެ އިގްތިސާދު ކުރިއަރާނެ ކަމަށެވެ. އެގޮތުން އެތައްހާސް ވަޒީފާއެއް އުފެދިގެންދާނެ ކަމަށާއި ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތަކާއި ރިސޯޓުތަކުގެ އެނދުތައް ބޮޑުތިލަދުންމަތީގައި އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކި ބާވަތްތަކުގެ ވިޔަފާރިތަކާއި އިގްތިސޯދީ މަސައްކަތްތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި އިގްތިސޯދީ ވަރުގަދަ ހަބަކަށް ބޮޑުތިލަދުންމަތި ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް އަލުން ތަރައްގީ ކުރުމަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމް ގެ ދަށުން ފައިނޭންސް ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ކޮންސަލްޓެންޓް ކަމުގައިވާ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭ.އޭ.އައި) އިން ވަނީ މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖްކްޓް ރިޕޯޓް (ޑީ.ޕީ.އާރް) ގެ މަސައްކަތް ފުރިހަމަކޮށް ވަނީ ހުށަހަޅައިފައެވެ. ޑީޕީއާރް ފަންޑް ކޮށްފައި ވަނީ އިންޑިއާ ސަރުކާރުގެ 750،000 ޑޮލަރުގެ ގްރާންޓެއް މެދުވެރިކޮށް ކަމަށާއި އަދި ދިވެހި ސަރުކާރުން ވަނީ ޑީޕީއާރް ގެ ކުރަންޖެހޭ ތަހުލީލުތައްކޮށް ވަނީ ބަލައިގެންފައެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ޓާމިނަލް އިމާރާތުގެ ޑިޒައިން ކޮންސެޕްޓް ބިނާވެފައިވަނީ ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ މަށްޗަށް، ހާއްސަކޮށް މަޑި ސިފަވާނެހެންނެވެ.

އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓަށް އުމްރާނީ އަދި އޮޕަރޭޝަނަލް ބޮޑެތި ބަދަލުތަކެއް ގެނެވި އެއާސައިޑް، ލޭންޑްސައިޑް އަދި އިމާރާތްތަކުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރެވިގެން ދާނެއެވެ. މި އަޕްގްރޭޑް ތަކުގެ ސަބަބުން އިންޓަނެޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައި.ސީ.އޭ.އޯ) ގެ މިންގަނޑުތަށް ދެމެހެއްޓި، ދިވެހިރާއްޖެއަށް އަންނާނެ ‘ޓްރެފިކް’ ދަތިކަމެއްނެތި ބަލައިގަނެވޭނެއެވެ.