މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ 90 ޕަސެންޓު އަހަރުގެ މެދު ތެރޭގައި ނިމި ހިދުމަތް ދެވޭނެ ކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޕްރައިމަރީ ކެމްޕެއިނުގައި އުތުރުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރައީސް ސޯލިހު ހދ. ކުރިނބި އަށް ވަޑައިގެން ވާހަކަދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ 90 ޕަސެންޓު މަސައްކަތް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ނިމި ހިދުމަތް ދެވޭނެ ވަރު ވެގެން ދާނެ ކަމަށެވެ.
ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނިމޭއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްވެފައި ހުންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ތަރައްގީގެ ވާހަކަ ދައްކަން ޖެހޭނީ ރައްޔިތު މީހާ ގައިން ތާހިރުވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުދި ރަށެއް ބޮޑު ރަށެއް ބާކީ ނުކޮށް އެފަދަ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ވަކި ރައްޔިތަކު ބާކީ ނުކޮށް އެފަދަ ހިދުމަތް ދިނުމަކީ ހުދު އެމްޑީޕީގެ ތަސައްވަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ގާއިމް ކުރާ ފެނާ ނަރުދަމާގެ މަސައްކަތްތައް ލަސް ކަމަށް ބުނާ ފަރާތްތަކަށް ރައީސް މިއަދު ވަނީ ރައްދު ދެއްވައިފައެވެ. އެގޮތުން ހައެއްކަ މަސް ތެރޭގައި ނަރުދަމާ އެޅޭ ކަމަށް ބުނާއިރު އެ މަސައްކަތް ކުރިން ނުކުރީ ކީއްވެތޯ ރައީސް ސުވާލު އުފެއްދެވިއެވެ.