ހއ. ދިއްދޫގައި އެއާޕޯޓެއް އަޅާ ވާހަކައަކީ ނުދެއްކޭނެ ވަރުގެ ވާހަކައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހު މިއަދު ވަނީ އުތުރުގެ ބައެއް ރަށްތަކަށް ކެމްޕެއިން ކުރެއްވުމަށް ދަތުރުފުޅެއް ފައްޓަވައިފައެވެ. މި ދަތުރުފުޅުގެ ތެރެއިން ހއ. ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދިއްދޫ އަށް ބިން ބޮޑު ކުރެވިގެން ދާއިރު، އެރަށަށް އެއާޕޯޓުގެ ވާހަކައަކީ ނުދެއްކޭނެ ވަރުގެ ވާހަކައެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން އަދި އިރާދަކުރެއްވިއްޔާ އަންނާނަން. މި ޕްރައިމަރީ އަށް ފަހު. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، މެނިފެސްޓޯއެއް އެކުލަވާލަން. ތިޔަ ބޭފުޅުންނާއި [ދިއްދޫ ރައްޔިތުން] މަޝްވަރާ ކުރާނަން. އޭރުން މި ރަށުގައި އެއާޕޯޓު ނުހިމަނަންވީ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މިފަހަރު އެމްޑީޕީގައި ބާއްވާ ޕްރައިމަރީ އަކީ ވަރަށް ހާއްސަ ޕްރައިމަރީއެއް ކަމަށެވެ. އެގޮތުން މިފަހަރުގެ ޕްރައިމަރީ އަކީ އަނބުރާ އަނިޔާވެރިކަމަށް ދާނީތޯ ނޫނީ ތަރައްގީ އައިގެން ކުރިޔަށް ދާނީތޯ ނިންމުމުގެ ޕްރައިމަރީއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށް މަޝްރޫއުތައް ހިންގުމަށް ލިބުނީ މަދު އަހަރެއް ކަމަށެވެ. އެގޮތުން ކޮވިޑް19 ގެ ސަބަބުން އެމަނިކުފާނުގެ ވެރިކަމުގެ ތިން އަހަރު ދުވަސް ގެއްލިގެން ދިޔަ ކަމަށް ވިދާޅުވިއެވެ. އަދި މަޝްރޫއުތައް ހިންގުމަށް ލިބިގެން ދިޔައީ ދެ އަހަރު ދުވަސް ކަމަށާއި އެކަމަކު ވޭތުވެދިޔަ ސަރުކާރުތަކުން ރާއްޖެ އަށް ގެނެސްފައި ނުވާ ގިނަގުނަ ތަރައްގީއެއް އެމަނިކުފާނަށް ދެ އަހަރުގެ ތެރޭގައި ގެނެސް ދެވިއްޖެ ކަމަށް ވިދާޅުވިއެވެ.
""ހަގީގީ މަސައްކަތް ކުރަން ލިބުނީ ދެ އަހަރައި ބައި ވަރު،" ރައީސް ވިދާޅުވިއެވެ.
ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރައްވާނެކަން ޔަގީން ކުރައްވާ ރައީސް ވަނީ ދިއްދޫ އަށް ދެން ވަޑައިގަންނަވާނީ ރިޔާސީ މެނިފެސްޓޯ އެކުލަވާލުމަށް ކަމަށް ވިދާޅުވެފައެވެ.