މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، ޔާމީންގެ ނަން އޮންނާނެ ކަމަށާއި އެނޫން ގޮތަކަށް ބާއްވާ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމް/ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓާއި މެދު އެއްވެސް ސުވާލެއް ނުއުފެދޭ ކަމަށެވެ. އިދިކޮޅުން ބުނީ ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ. މިއީ ތަކުރާރުކޮށް އެ ކޯލިޝަނުން ބުނަމުން އަންނަ ކަމަށެވެ.
ހީނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ބައިވެރިނުކޮށް ބާއްވާ އިންތިހާބެއްގެ އިންސާފުވެރިކަމާއި މެދު ވެސް ސުވާލު އުފެދޭ ކަމަށެވެ. އިންތިހާބުގެ ސައްހަކަން ކަށަވަރު ވާނީ ޔާމީންވެސް އެ އިންތިހާބުގައި ބައިވެރިކޮށްގެން ކަމަށް ވިދާޅުވިއެވެ.
އިދިކޮޅުން އަންނަނީ "ޔާމީން ކޮންފަރެންސް" މި ނަމުގައި ކޮންފަރެންސެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. މި މަހުގެ 19 އާއި 20 ގައި އާޓިފިޝަލް ބީޗްގައި ބޭއްވުމަށް މީގެކުރިން ރާވާފައިވާ އެ ކޮންފަރެންސް މިހާރު ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 2-4 އަށެވެ.
އެ ކޮންފަރެންސް އަކީ ރާއްޖޭގައި މިހާތަނަށް ސިޔާސީ ޕާޓީއަކުން ބާއްވާނެ އެންމެ ބޮޑު ކޮންފަރެންސް ކަމަށް ވިދާޅުވެ ހީނާ ވިދާޅުވީ ޕާޓީގެ އެކި ގުނަންތަކުން އެ ކޮންފަރެންސްގައި 1500އެއްހާ މީހުން ބައިވެރިވާނެ ކަމަށެވެ. އަދި މިހާރުވެސް 500 މީހުން އެ ކޮންފަރެންސްގައި ބައިވެރިވުމަށް ރަޖިސްޓްރީވެފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ޔާމީންގެ ބައިވެރިވުން ނެތި ބާއްވާ އިންތިހާބެއް ބަލައިނުގަންނާނެ ކަމަށް އިދިކޮޅުން ބުނެފައި މިވަނީ އާރަށު މައްސަލާގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ މިދިޔަ މަހުގެ ތެރޭގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށެވެ. އެކަމުގެ ސަބަބުން ޔާމީނަށް އިންތިހާބުގައި ވާދަ ކުރުމުގެ ދޮރު މިހާތަނަށް އޮތީ ބަންދުވެފައެވެ.