މި ސަރުކާރަކީ ވައުދެއްވެފައި އެކަން ދޫކޮށްލާނެ ބައެއް ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޕްރައިމަރީ ކެމްޕެއިނުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީ އިން 2018ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އައީ ގިނަ ވައުދުތަކެއް ވެގެން ކަމަށެވެ. މިހާ ހިސާބަށް އާދެވުނު އިރުގައި ވަރަށް ގިނަ ކަންތައްތައް ފެށިގެން ކުރިޔަށްދާ ކަމަށާއި އަނެއްބައި މަސައްކަތްތައް ނިމި އަދި ކުރިޔަށް މިހާރުވެސްދާ މަސައްކަތްތައް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ޕްލޭނު ކޮށްފައި އޮތީ ވެރިކަމުގެ ފަހު އަހަރު އެއްވެސް މަސައްކަތެއް ނުފަށާ ނުބޭއްވުން ކަމަށެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން ބައެއް ކަންކަން މަޑުޖައްސާލަން ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ. އެވަގުތު އެންމެ ބޮޑު ކަމަކަށްވެފައި އޮތީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ސަރުކާރަށް މަޝްރޫއުތައް ރަނގަޅަށް ހިންގަން ލިބިގެން ދިޔައީ ދެ އަހަރެއްހާ ދުވަސްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަން އެހެން އޮތް ނަމަވެސް އެހެން އެއްވެސް ސަރުކާރަކުން ފަސް އަހަރުގެ ތެރޭގައި ނުކުރާވަރުގެ މަސައްކަތްތައް އެމަނިކުފާނުގެ ސަރުކާރަށް ކުރެވުނު ކަމަށެވެ.
ރައީސް ވިދާޅުވު ގޮތުގައި ހޯރަފުއްޓަށް ވެސް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަމުން އަންނަ ކަމަށެވެ. އެގޮތުން ރައީސް ވަނީ ސަރުކާރުން އެރަށަށުގެ ރައްޔިތުންނަށްވީ ވައުދުތަކުގެ ތެރެއިން މިހާރު ނިމިފައިވާ ބައެއް މަސައްކަތްތައް ހިއްސާ ކުރައްވާފައެވެ. އަދި އެހެން މަސައްކަތްތައް ކުރެވެމުން އަންނަކަން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހޯރަފުށި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ހޮސްޕިޓަލުގެ މަސައްކަތް ވެސް ކުރިޔަށްދާ ކަމަށެވެ. އަދި ވިދާޅުވީ ދެން އެމަނިކުފާނު ހޯރަފުއްޓަށް ވަޑައިގަންނަވާނީ އެ މަސައްކަތް ނިމުމުން ކަމަށެވެ.