ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންގެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 6 އެއްބަސްވުމެއް މިއަދު ބަދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި އެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ. ކެމްބޯޑިއާއާ ރާއްޖެއާ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކުރިއެވެ.

ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން:

"ދަ އެގްރީމެންޓް އޮން ވިސާ އެގްޒެމްޕްޝަން ފޮރ ހޯލްޑަރސް އޮފް ޑިޕްލޮމެޓިކް، އޮފިޝަލްސް އެންޑް އޯޑިނަރީ ޕާސްޕޯޓް" - މި އެއްބަސްވުމަކީ، ދިވެހިންނަށް ކެމްބޯޑިއާއަށް ދަތުރުކުރުމުގައި ވިސާގެ ލުއިފަސޭހަތައް ހަމަޖައްސައިދިނުމުގެ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޝާހިދެވެ. އެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ އިޖްތިމާއީ އަދި އިގްތިސޯދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.
"މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ބައިލެޓަރަލް ކޮންސަލްޓޭޝަންސް" - އެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއާ ކެމްބޯޑިއާއިން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ. ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޝާހިދެވެ.
"މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ބައިލެޓެރަލް ކޮންސަލްޓޭޝަންސް" - މި އެއްބަސްވުމުގެ މަގުސަދަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދުގައިވާ އިގްތިސޯދީ ގުޅުން ބަދަހިކޮށް، ހަމަހަމަ ކަމާއެކު ދެގައުމަށްވެސް ފައިދާކުރާނެ ގޮތަށް އެ ގުޅުން ހަރުދަނާކުރުމެވެ. ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮިއކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.
"މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ހެލްތް ކޯޕަރޭޝަން" - އެ އެއްބަސްވުމަކީ، ސިއްހީ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެކެވެ. ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ.
"މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިން އޮން ޓޫރިޒަމް ކޯޕަރޭޝަން" - އެ އެއްބަސްވުމުގެ ދަށުން ފަތުރުވެރިކަން އިޝްތިހާރުކުރުމާއި، މި ދާއިރާއިން މީހުން ތަމްރީންކުރުމާއި، ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓް ކުރުމުގެ ފުރުސުތުތައް ފަހިވެގެންދާނެއެވެ. ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓަރު މައުސޫމެވެ.
މޯލްޑިވްސް ނެޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީޒް އާއި ކެމްބޯޑިއާ ޗެމްބަރ އޮފް ކޮމަރސްގެ މެދުގައި ބަދަލުކުރެވުނު އެއްބަސްވުން - އެ އެއްބަސްވުމުގެ ސަބަބުން، ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ވިޔަފާރީގެ ގުޅުންތައް އިތުރުކޮށް، އިންވެސްޓްމަންޓްތައް ފުޅާކުރުމާއި، ދިވެހިރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިނާއީ ވިޔަފާރިތަކާއި، އިގްތިސޯދީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ފުރުސަތުތައް ހުޅުވިގެންދާނެއެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބޯޑު މެމްބަރު މުހައްމަދު އިކްރާމް އިބްރާހިމްއެވެ.