އައްޑޫ ސިޓީ އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންނަމުންދާ ތަރައްގީ އެ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "އަމުނާލައިފި" އެވެ.

"ހަތާވީސް" އަށް ދެއްވި އިންޓަވިއުއެއްގައި އަސްލަމް ވިދާޅުވީ އައްޑޫގެ ތާރީހުގައި ވެސް ނުގެންނަ ވަރުގެ ތަރައްގީ މި ސަރުކާރުން އައްޑޫ އަށް ގެންނަމުން އަންނަ ކަމަށެވެ. އެގޮތުން އަސްލަމް ވަނީ މަގު ހެދުމުގެ ބިޔަ މަޝްރޫއުއެއް މުޅި އައްޑޫގައި ކުރިޔަށްދާކަން ފާހަގަކުރައްވާފައެވެ. އޭގެ އިތުރަށް އައްޑޫގައި އިންޓަނޭޝަނަލް ޕޯޓެއް ތަރައްގީ ކުރުމަށް އެކުލަވާލާފައިވާ ކަމަށް ވިދާޅުވިއެވެ.

https://twitter.com/hathavees/status/1614928601132204033?s=20&t=epQR43lDqwtqUGkxC-5OAw

އައްޑޫ ސިޓީ ހަންކެޑެ އަކީ ރިސޯޓެއް ހެދުމަށް އެތައް ފަހަރަކު ބިޑަށް ލައިގެން ވެސް ކުރިޔަށް ގޮސްފައި ނުވާ މަސައްކަތެއްކަން ފާހަގަކުރައްވަމުން އަސްލަމް ވަނީ އެ މަސައްކަތް ނުހިނގާ އޮތް މައިގަނޑު ސަބަބަކީ އެރަށް ވަކިވެފައި ނެތުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން އައްޑޫގެ ލިންކް ރޯޑް ހަދާ ނިމިގެންދާއިރު އެރަށްވެސް ވަކިވެގެން ދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. މީގެއިތުރުން އައްޑޫ ސިޓީ އިތުރަށް ހިއްކިގެން ދާއިރު އިތުރު ރިސޯޓުތަކެއް ވެސް އެޅިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫގެ ގިނަ ރައްޔިތުންތަކެއް ވަޒީފާ އަދާ ކުރަމުން ދިޔަ ޝަންގްރިއްލާ މިވަގުތު ބަންދު ކޮށްފައި އޮތް ނަމަވެސް، އެތަން އަލުން އޮޕަރޭޝަނަށް ގެނައުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެންނަމުން އަންނަ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެމްޑީޕީގެ ވެރިކަމެއްގައި މުޅި ރާއްޖެ، އަޅުގަނޑު ހަމަ ކުރު ގޮތަކަށް މި ދެންނެވީ އައްޑޫގެ ބައެއް މަޝްރޫއުތައް. އަޅުގަނޑު އަދި ފާހަގަނުކުރާ އެތައް މަޝްރޫއުތަކެއް މުޅި ރާއްޖެ އަށް ބަލާއިރުވެސް އެކި ކަންކޮޅުތަކުގައި ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ރަށެއްގައި ރައްޔިތުން ދިރިއުޅޭ ކަމަށްވާ ނަމަ އެރަށަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތް ކުރަމުން،" އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވިއެވެ.

މިމަހުގެ 28ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އަސްލަމް ވަނީ އެ އިންތިހާބުން ރައީސް ސޯލިހު ކާމިޔާބު ކުރައްވާނެކަން ޔަގީން ކުރައްވާފައެވެ.