މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ފޯމިއުލާއެއް އެބައޮތް ކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު ހުޅުމީދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މުސްތަގުބަލަށް ކަންކަން ކުރަން ވާނީ މާޒީން އިބުރަތް ލިބިގަނެގެން ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި އެ ބައްދަލުވުމުގައި ތިބި ފަރާތްތަކަށް ވަނީ މާޒީގައި ކަންވެފައި އޮތް ގޮތް ހަނދާންކޮށް، އެ މާޒީ އަށް އެނބުރި ދިއުންތޯ ނޫނީ އޭގެ އަލީގައި މިހާރު ފެންނަމުންދާ ކަންތައްތަކަށް ވިސްނާ އެކަމައިގެން ކުރިޔަށްދާންވީތޯ ސުވާލު ކުރައްވާފައެވެ.
ކުރިޔަށް ވެސް ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި ކަމަށާއި އެ މަސައްކަތްތައް ކުރެވެން އޮތީ އެމްޑީޕީ އަށް ވެރިކަން ލިބިގެން ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
"ވެރިކަމަށް އާދެވެން އޮތް ގޮތަކީ ކޮބައިތޯ މިއީ މިއަދު އަޅުގަނޑުމެން ވިސްނަންވި ކަމަކީ. ތެދެއް މިއީ ޕާޓީ އެތެރޭގެ ޕްރައިމަރީއެއް. އެހެންނަމަވެސް މި ޕްރައިމަރީގައި ނިންމާ ނިންމުން ގޮސް ގުޅެނީ އަޅުގަނޑުމެން މި ފަށާފައި ހުރި މަސައްކަތްތައް ހުއްޓުމަކަށް ގެންނަންވީތޯ ނޫނިއްޔާ ނޫންތޯ. ހަމަގައިމުވެސް ކަނޑައެޅިގެން އެނގޭ އެއް ކަމަކީ، އެމްޑީޕީ އަށް ވެރިކަން ނުލިބިއްޖެ ނަމަ އަޅުގަނޑުމެން ފަށާފައި މިހުރި ކަންތައްތައް ދިމާ އިދިކޮޅަށް ދެން އަންނަ ޕީޕީއެމްގެ ސަރުކާރެއް އަތުވެއްޖިއްޔާ އެކަން އެގޮތަށް ވެގެން ދާނެކަން. އެފުރުސަތު ދިއުމާއި ނުދިއުން އޮތީ މި ޕްރައިމަރީގައި އަޅުގަނޑުމެން ނިންމާ ނިންމުމުގެ މައްޗަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއާ މެދު ގޮތެއް ނިންމާއިރު ކުރިޔަށް އޮތް ރިޔާސީ އިންތިހާބާއި މެދު ވެސް ޕާޓީގެ އާއްމު މެންބަރުން ވިސްނަން ޖެހޭ ކަމަށެވެ. ވެރިކަން ގެއްލިއްޖެ ނަމަ އެނބުރި ވެރިކަމަށް އަންނަން ދެން ނަގާނދެ ދުވަހެއްވެސް ނޭނގޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އަކީ އެމްޑީޕީއާ އަދި އެމްޑީޕީ އަށް ތާއީދު ކުރާ ބަޔަކާއެކު އެކުލަވާލެވޭ ސަރުކާރެއް އުފެދޭ ގޮތަށް އެކަން ކޮށްގެން. އަޅުގަނޑު މި އަންނަނީ އެކަން ހާމަ ކޮށްދެމުން. ޕްރައިމަރީގައި އަޅުގަނޑަށް ކާމިޔާބު ކުރެވިއްޖެ ނަމަ އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް މިއޮތް ޕްރައިމަރީ އަޅުގަނޑުމެންނަށް ބޮޑުތަނުން ކާމިޔާބު ވާނެ. އެއާއެކުގައި ސަރުކާރެއް އެއްބުރުން އެކުލަވާލެވޭ ވަރުގެ ނަތީޖާއެއް ނެރެވޭ ފޯމިއުލާއެއް އަޅުގަނޑުމެން އަތުގައި އެބައޮތް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް ޕްރައިމަރީ ކާމިޔާބު ކުރެވިއްޖެ ނަމަ ދެވަނަ ބުރަކަށް ރިޔާސީ އިންތިހާބުގައި ދާންޖެހޭ އެއްވެސް ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"އެއްބުރުން މިކަން [ރިޔާސީ އިންތިހާބު] އަޅުގަނޑުމެންނަށް ނިންމާލެވޭނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.