ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމާއި އެ މައްސަލައިގެ ޝަރީއަތް ހިނގި ގޮތުގެ މުޅި ރިޕޯޓު ހަވާލުކޮށްފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އެ ރިޕޯޓުތައް ލިބިފައިވާ ކަމަށާއި ކުރިޔަށް އޮތީ ބުރަ ދުވަސްތަކެއް ކަމަށެވެ.

https://twitter.com/AdamShameem/status/1614515745114951680?s=20&t=nt78eT_frZjlKuS_uYEoog

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ވ. އާރަށުގެ މައްސަލާގައެވެ. އެގޮތުން މިދިޔަ މަހުގެ 25ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.

ހުކުމް ކުރިތާ މަހެއްވާން ގާތްވެފައިވާއިރު އަދިވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެއް ނުވެއެވެ. ވަކީލުން ވިދާޅުވީ އެ މަސައްކަތް ލަސްވެފައި ވަނީ ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްތައް އިސްތިއުނާފު ކުރުމަށްޓަކައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު މަހްޟަރު ބަޔާން ތަކާއެކު ލިބިފައި ނުވާތީ ކަމަށެވެ.

https://hathaavees.com/46060

އެ ރިޕޯޓު ހޯދުމަށް އިދިކޮޅު ލީޑާޝިޕުން ވެސް މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓަށް ދިޔައެވެ. އެހެންނަމަވެސް އެ ރިޕޯޓު އެ ފަރާތްތަކަށް ލިބޭ ގޮތެއް ނުވިއެވެ. ކޯޓުން ބުނީ ރިޕޯޓުތައް ދޫކުރެވޭނީ ވަކީލުންނަށް ކަމަށެވެ.

https://hathaavees.com/46221
އާރަށުގެ މައްސަލައަކީ ޔާމީނާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
އެ މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ 2021ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24ވަނަ ދުވަހުއެވެ.
https://hathaavees.com/45468
ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ ޔޫސުފް ނައީމްގެ އެކައުންޓަކުން ދޫކުރި ޗެކެއް ޔާމީންގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުން އެނގެއެވެ. އަދި ޔާމީނަށް ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ އިންވެސްޓްކޮށްފައިވާ ކަމަށާއި ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މުސާރައާ ނުބައްދަލު އާމްދަނީއެއް ލިބުމުން، އެ ފައިސާއާމެދު ސުވާލު އުފެދޭ ކަމަށް ހުކުމް ކުރައްވަމުން ގާޒީ ވިދާޅުވިއެވެ.
ދައުލަތުން އެދުނީ ރިޝްވަތު ދިނުމާއި ގަބޫލު ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން، 8 އަހަރަށް ޔާމީން ޖަލަށްލުމަށެވެ. އަދި މަނީލޯންޑާ ކުރުމުގެ އަދަބެއްގެ ގޮތުން 11 އަހަރަށް އޭނާ ޖަލަށްލުމަށް އެދިފައިވެއެވެ. އެހެންކަމުން ޖުމްލަ 19 އަހަރަށް ޔާމީން ޖަލަށްލުމަށް އެދިފައިވެއެވެ.
ހުކުމް އިއްވަމުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ދައުލަތުން ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ ހަތަރު އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ. އަދި ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ ހަތް އަހަރު ދުވަހަށް ޖަލަށްލާން ހުކުމް ކުރާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށާއި އެފައިސާ މިއަދުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ހުކުމް ކުރެއްވިއެވެ.