ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، އެކުލަވާލާ ސަރުކާރުގައި އައްޑޫ ސިޓީގެ ހިއްސާ ބޮޑު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަރަދޫ ދާއިރާގައި ރިޔާސީ ޕްރައިމަރީ ކެމްޕެއިން ޖަގަހައެއް ހުޅުވައި ދެއްވުމަށްފަހު، މިއަދު ދެއްކެވި ވާހަކައިގައެވެ.

"އަޅުގަނޑަށް ޔަގީން، އައްޑޫ ސިޓީގެ ހިއްސާ ވަރަށް ބޮޑުވާނެކަން. އިރާދަ ކުރެއްވިއްޔާ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، އަޅުގަނޑުމެން އެކުލަވާލާ ސަރުކާރު ވެގެންދާނީ މި އައްޑޫ ސިޓީގެ ބޮޑު ހިއްސާ އެ ސަރުކާރުގައި އެކުލެވޭ ސަރުކާރަކަށް،" ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ބޮޑުތަކުން ކާމިޔާބު ކުރެވޭތަން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ.

ރައީސް ވިދާޅުވީ ޕްރައިމަރީގައި ނޭދެވޭ ނަތީޖާއެއް ނުކުމެއްޖެނަމަ، އެއީ ވަރަށް ބޮޑު ގެއްލުމަކަށް ވެގެންދާނެ ކަމަށެވެ.

"މިކަމުން ނޭދެވޭ ނަތީޖާއެއް ނުކުމެއްޖެއްޔާ އަޅުގަނޑު ދަންނަވާނީ އަނެއްކާވެސް އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމަކަށް ވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު އެދިވަޑައިގެންނެވީ އެމްޑީޕީން ހޯދާ ކާމިޔާބީގައި އައްޑޫ ސިޓީ އެ ޕާޓީއާއެކު ދެމިއޮތުމަށެވެ.

މަސްވެރިކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ތެލުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. ނަމަވެސް މަސްވެރިންނަށް ތެޔޮ ވިއްކާ އަގަށް ބަދަލުނުގެނެސް ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އަސްލު ތެޔޮ ޖެހޭ އަގަށްވިއްކާނަަމަ މަސްވެރިންނަށް ވިއްކަން ޖެހޭނީ މިއަށްވުރެ މާ ބޮޑުކޮށް. ސަރުކާރުން އެއަށް ސަބްސިޑީއެއް ދީ ތެލުގެ އަގަށް ބަދަލުނުގެނެސް ހިފެހެއްޓޭތޯ އަޅުގަނޑުމެން މި ގެންދަނީ މަސައްކަތްކުރަމުން" ވިދާޅުވިއެވެ.

ރާއްޖެއިން ބޭރަށް މަސް ވިއްކަނީ ގެއްލުން ބޮޑު ކޮށްކަން ފާހަގަކުރައްވާ ވިދާޅުވީ މަސް މި ވަގުތު ގަނެފިއްޔާ ލިބޭ ގެއްލުން ފޫބައްދަން ޖެހޭނީ ޓެކްސްއިން ކަމަށެވެ. ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްކުރަމުން ދަނީ ހުރިހާ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށް ވިދާޅުވިއެވެ.

"ކޮންމެވެސް ގޮތަކަށް އެއަށް އެބަޖެހޭ ސަރުކާރުން ދޭ ފައިސާއިން ހޭދަކުރަން. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރުން މިއަދު މަސްވެރިކަމުގެ ދާއިރާގައި އެ ސިނާއަތުގައި ކުރަމުން މިގެންދާ މަސައްކަތަކީ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް" އެމަނިކުފާާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މަސްވެރިންނަށް މިއަށްވުރެ ރަނގަޅު ގޮތް ހޯދައިދޭން ޖެހެއެވެ. ހުވަދޫ އަތޮޅާ އައްޑޫ ގައި ހުރި މަސް ފެކްޓްރީތަކަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ވީހާވެސް އަވަހަކަށް ސްޓޯރޭޖް ބޭނުން ކުރެވޭނެ ގޮތް ހައްދަވާނެ ކަމަށެވެ.

"މަސްވެރިންނަށް މިއަށްވުރެ ރަނގަޅު އަގެއް ލިބޭނެ ގޮތް ހަދައިދޭނަން. މިހާރުވެސް މަސްވެރިންނަށް ކުރިން ތެޔޮ ގަންނަން އޮތް ދަތި ފިލުވާ ބޭނުންވަރަކަށް ތެޔޮ ގަނެވޭނެ އިންތިޒާމުތައް އެސްޓީއޯއިން އެދަނީ ހަމަޖައްސަމުން" މަސްވެރިންނަކީ އަޅާނުލާ ދޫކޮށްލާނެ ބައެއް ނޫން ކަމަށް ވިދާޅުވިއެވެ.