ސަރުކާރުން ރާއްޖެ އަށް ގެންނަމުން އަންނަ ތަރައްގީ އުފުރާލައިގެން ނުގެންދެވޭނެ ކަމަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޕްރައިމަރީ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ވަޑައިގެން އެ ސިޓީގެ ހިތަދޫ ދެކުނު ދާއިރާގެ ކެމްޕެއިން ޓީމާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ އަށް ތަރައްގީ ގެނެވޭނީ އެމްޑީޕީ ވެރިކަމުގައި އޮވެގެން ކަމަށެވެ. ވެރިކަމުގައި އެމްޑީޕީ އަށް އޮވެވޭނީ ކިހިނެއްކަން ރައްޔިތުންނަށް ވަރަށް ސާފުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމްޑީޕީ އަކީ އެންމެ ބޮޑު ސިޔާސީ ޕާޓީ އަށް ވީ ނަމަވެސް ސިޔާސީ މަސްރަހު އޮތް ގޮތުން އިންތިހާބެއް ކާމިޔާބު ކުރެވޭނީ އެހެން ބަޔަކު ވެސް ބައިވެރި ކޮށްގެން ކަމަށެވެ.
"އަޅުގަނޑުމެންގެ މާޒީ އަށް ބަލާއިރުގައި މިކަން ވެގެން ދިޔަ ގޮތް ވަރަށް ސާފުކޮށް ފެންނަން އެބައޮތް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެފަދަ ގޮތަކަށް މަސައްކަތް ކޮށްފި ކަމަށްވާ ނަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ މީގެކުރީގެ ސަރުކާރުތަކުން ވެސް އައްޑޫ އަށް ކަންތައްތަކެއް ކޮށްދިނުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ހަތަރު އަހަރު އެ ސިޓީގައި ކުރަން ފެށި މަސައްކަތްތަކާއި ކުރީ ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި އަޅާ ނުކިޔޭނެ ކަމަށް ވިދާޅުވިއެވެ.
"މިއަށްވުރެ ބޮޑު ތަރައްގީ އަށް މި ސިޓީއަށް ގެނައި ސަރުކާރެއް ހަމަ ގައިމުވެސް ލިޔެކިއުންތަކުން ފެންނާކަށް ނެތް،" ރައީސް ވިދާޅުވިއެވެ.
ތަރައްގީގެ މަސައްކަތްތައް ފަށައިގެން ކުރިޔަށް ގެންދަނީ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތްތަކުން ފެށިގެން ކަމަށާއި އެއީ ކިތަންމެ ކުޑަ އާބާދީއަކަށް ވިއަސް ބޭނުންވާނެ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އައްޑޫ ސިޓީ އަކީ ކިތަންމެ ބޮޑު އާބާދީއަކަށްވީ ނަމަވެސް އެ ހުރިހާ ކަންކަމެއް ބޭނުންވާނެ ކަމަށެވެ.
"ކުރީގެ ބައެއް ސަރުކާރުތަކުން މަސައްކަތްތަކެއް ކުރެވޭތޯ ބަލާފައި އެބަހުރި. އެހެންނަމަވެސް އެއިން ކޮންމެ ކަމެއްވެސް މިހާތަނަށް ކުރެވިފައި ހުރީ ވަގުތީ ހައްލެއް ހޯދައި ދިނުމަށް. ސާކް ސަމިޓާ ދިމާކޮށް ކޮށްފައި ހުރި ކަންކަން ކުރެވިފައި އެ ހުރީކީއެއް، ދާއިމީ ހައްލެއް އެއަށް ލިބޭ ގޮތަކަށް ނޫން" ރައީސް ވިދާޅުވިއެވެ.