ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދަން ރާއްޖޭގެ ތާއީދު އިންޑިއާއަށް އޮންނާނެ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެހެން ވިދާޅުވީ އިންޑިއާ އިން ވާޗުއަލްކޮށް ކުރިއަށްގެންދާ ގްލޯބަލް ސައުތް ސަމިޓްގައި ވާހަކަ ދައްކަވަމުންނެވެ. މިއީ ޖީ-20 ގެ ރިޔާސަތާ ހަވާލުވިފަހުން އިންޑިއައިން ކުރިއަށް ގެންދާ ސަމިޓެކެވެ.

ދެ ދުވަހުގެ ނިޔަަލަށް ކުރިއަށްދާ ވާޗުއަލް ސަމިޓުގެ މަގްސަދަކީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާ މައުލޫމާތާއި ހިޔާލު ފޯރުކޮށްދިނުމެވެ. އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު ރިޔާސަތު ބެލެހެއްޓެވި އެ ސެޝަންގައި އަރްމީނިއާ، އެލް ސަލްވަޑޯ، ޖޯޖިއާ، އީރާން، ޖެމެއިކާ، ރާއްޖެ، އޮމާން، ޕެނަމާ، ޓިއުނީޝިއާ އަދި ޔުގެންޑާގެ ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ އިންޑިއާގެ ރިޔާސަތުގައި ބޭނުންވާ އެއްބާރުލުމާއި ތާއިދު ރާއްޖޭއިން ލިބޭނެކަން ޔަގީންކޮށްދެއްވާފައެވެ. އެގޮތުން ދަރަނީގެ މައްސަލަތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި އިންޑިއާއަށް ބޭނުންވާ އެހީތެރިކަން ރާއްޖެއިން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

https://twitter.com/abdulla_shahid/status/1613567930062766080?s=20&t=hW2JARwIYIxls6I84rUtiw

އިގްތިސާދީ ބޮޑެތި ބާރުތަކުގެ މައްޗަށް އެކުލެވޭ ޖީ-20 ގެ ރިޔާސަތު އިންޑިއާއިން ހަވާލުވީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހެވެ. އިންޑިއާއިން ރިޔާސަތު ބަލަހައްޓާނީ މި އަހަރުގެ ނޮވެމްބަރު 30 އާ ހަމަޔަށެވެ.
ގްލޯބަލް ސައުތް ސަމިޓްގައި ޖީ-20ގެ ދަށުން އިންޑިއާއިން މިހާރު ކުރިއަށްގެންދާ ޕްރެޒިޑެންސީގެ ސަބަބުން ޖީ-20 ޕްރޮސެސްގައި ނުހިމެނޭ ގައުމުތަކަށް ޖީ20 އާ މެދު އެމީހުންގެ ވިސްނުމާއި އުއްމީދުތައް ހިއްސާކުރުމަށް ހާއްސަ އަދި ހަރުދަނާ ފުރުސަތެއް ލިބިގެންދެއެވެ. އިންޑިއާގެ ޖީ-20 ޕްރެޒިޑެންސީ ބައްޓަންކުރާނީ ހަމައެކަނި ޖީ-20 ޕާޓްނަރުންގެ އިތުރުން ގްލޯބަލް ސައުތުގައި ތިއްބެވި އާންމުކޮށް އެމީހުންގެ އިހްސާސްތައް ހިއްސާނުކުރެވިފައިވާ އަޅުގަނޑުމެންގެ އެކުވެރި ދަތުރުވެރިންނާ ވެސް މަޝްވަރާ ކޮށްގެން ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވުމާ އެއްގޮތަށެވެ.
މި ސަމިޓްގައި 10 ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އިއްޔެ ހަތަރު ސެޝަނެއް އަދި މިއަދު ވަނަ ދުވަހު ހަ ސެޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ސެޝަނެއްގައި ވެސް 10-20 ގައުމެއްގެ ލީޑަރުން/މިނިސްޓަރުން ބައިވެރިވާނެ ކަމަށް އިންޑިއާ އިން ބުނެއެވެ.