ތައުލީމު ދިނުމުގައި އެންމެ އަތޮޅެއް ވެސް އެންމެ ފަރުދެއްވެސް އަދި ބާކީ ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ފޭދޫ ސްކޫލުގެ ގޯލްޑަން ޖުބްލީ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި، އެ ރަށެއްގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތްކުރާނެ ތައުލީމީ މީހުން ބިނާކުރުމަށް ކަމަށެވެ. މި އަހަރުވެސް އަދި ކުރިއަށް އޮތް ފަސް އަހަރުވެސް، އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ދާއިރާއަކީ ތައުލީމީ ދާއިރާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީހުން ބިނާކުރުމުގައި ސަރުކާރުން ގެންގުޅޭ ވިސްނުންތަކެއް އެބަހުރިކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ އެއީ ތައުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ ހުލްގު ހެޔޮ، ދީނީ އަގީދާ ވަރުގަދަ ދަރިވަރަކަށް ހެދުން ކަމަށެވެ. ހަމައެއާއެކު، މަސައްކަތްތެރިކަމުގެ ތައުލީމާއި ތަމްރީން ލިބިފައިވާ ދަރިންތަކެއް އެފެއްދުމަކީ ވެސް ސަރުކާރުގެ ވިސްނުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމަށްޓަކައި ސަރުކާރުން އެކުލަވައިލި ތައުލީމީ ސިޔާސަތަކީ، ތައުލީމީ ނިޒާމުގެ ހުރިހާ މަރުހަލާއެއްގައި ވެސް، އިސްލާމް ދީނުގެ ސައްހަ އަގީދާއަށް ދަރިން ހޭލުންތެރިކުރުމާއި، އިސްލާމީ އަދަބު އަހްލާގު މަތީގައި ދަރިން ތަރުބިއްޔަތުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި ޒިންމާދާރުކަމާއެކު އަމިއްލައަށް ދިރިއުޅުން ބިނާކުރާ ގަދަރުވެރި ބަޔަކަށް ޒުވާނުން ހެދޭނީ، އެންމެ ރަނގަޅު ޒަމާނީ ތައުލީމާއި ތަމްރީނު ޒުވާނުންނަށް ދީގެން. އެމީހެއްގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ކުރިއަރުވައި ތަރައްގީކޮށްގެން، އަމިއްލަ ހަޔާތުގެ މިސްރާބު ސީދާކުރެވޭނެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދީގެން. އަދި އާއިލާއާއި މުޖްތަމައުގައި ބަސްވިކޭ ހަރުދަނާ ބަޔަކަށް ޒުވާނުން ވެގެންދާނީވެސް އޭރުން،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ކޮލެޖް ޔުނިވަސިޓީތަކުގައި ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދޭން ފެށީ އެފަދަ ކަންކަން ރާވާ ތަންފީޒުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ސްޓޫޑެންޓް ލޯނަށް ނަގަމުން އައި އިދާރީ ފީ ވެސް، ފަސް ޕަސެންޓްގައި ހުއްޓައި، މިދިޔަ މާޗު މަހުން ފެށިގެން އެއް ޕަސެންޓަށް ކުޑަކޮށްދީފައިވާއިރު ލޯނު ދައްކަންޖެހޭ މުއްދަތު، 25 އިންސައްތަ އިތުރުކޮށްދިނީ ވެސް ހަމަ ތައުލީމީ ޒުވާނުން ބިނާކުރުމުގެ ބޭނުންތެރިކަން ގައުމަށް ބޮޑުކަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގެ ސިޔާސަތުތައް ރަނގަޅަށް ތަންފީޒުކުރުމަށްޓަކައި އެ ފަންނުގެ މީހުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށާއި އެދާއިރާގައި އުޅޭ ޓީޗަރުން އަދާކުރައްވަނީ ހަމައެކަނި ވަޒީފާއެއް ކަމުގައި ނުދެކޭ ކަމަށް ރައީސް ވިދާޅުވިއެވެ. ދަރިންނަށް އުނގަންނައިދިނުމުގެ މަސައްކަތުގައި ޓީޗަރުން ވެވަޑައިގަންނަވާ މަތިވެރި ގުރުބާނީއަކީ، މާއްދީ ބަދަލަކުން އަގުކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މިދިޔަ އަހަރަކީ، ރާއްޖޭގެ ތައުލީމީ ހަޔާތުގައި ވަރަށް ތާރީހީ ކާމިޔާބެއް ހާސިލުކުރެވުނު އަހަރެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ވ. އަތޮޅަކީ ރާއްޖޭގެ އެންމެ ކުޑަ އަދި އާބާދީ އެންމެ ކުޑަ އަތޮޅުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިދިޔަ އަހަރާ ޖެހެންދެން ވެސް، މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލެއް އެއަތޮޅުގައި ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ އަތޮޅުގައި މުޅިން އަލަށް މަތީ ސާނަވީއަށް ކިޔަވައިދޭން ފެއްޓީ މިސަރުކާރުން. އެއާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތައް މިހާރު ހުންނާނެ. އަމާޒަކީ، ކުދިންނަށް ކިޔަވައިދިނުމުގައިވެސް، އެންމެ އަތޮޅެއްވެސް، އެންމެ ރަށެއްވެސް، އަދި އެންމެ ފަރުދަކު ވިޔަސް ބާކީ ނުކުރުން،" ރައީސް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގެ ކުރިއެރުމަށް ކުރެވޭ މަސައްކަތަކީ، ދިވެހި ގައުމުގެ ކުރިމަގަށް އާރޯކަމާއި ފިނިކަން ގެނެސްދިނުމަށް އިންދޭ ހިޔާބޮޑު ގަހެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު ނުވަތަ މާދަމާ އެ މަންޒަރު ނުފެދިދާނެ ކަމަށާއި އެހެންނަމަވެސް ކުރިމަގުގެ ޖީލުތައް ހަމަގައިމުވެސް އެ ގަހުގެ މޭވާތައް ބިންނަން ފަށާނެކަން ރައީސް ވިދާޅުވިއެވެ.