އައްޑޫ ސިޓީގައި ތަރައްގީ ނުހިނގާ އެއްވެސް ތަނެއް މިއަދު ނެތް ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މިމަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑޫ ސިޓީ އަށް މިއަދު ވަޑައިގެން ފޭދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީ އަކީ އެ ސިޓީގެ ރައްޔިތުން ކުރާ ލިޔެ ސަރުކާރަށް ދީފައިވާ އެއްޗެއް ކަމަށެވެ. މިއަދު އެ ސިޓީ ތަރައްގީވަމުން އަންނަނީ އެ ޕްލޭނާއި އެއްގޮތަށްކަން ނިޒާރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އެދުނު ހުރިހާ ކަމެއް ފުރިހަމަ ކުރަމުން ވަޑައިގެންނެވީމާ އަޅުގަނޑުމެން އައްޑޫ ސިޓީގެ ރައްޔިތުން ވޯޓު ދޭންޖެހޭ. އެއީ އެކަން އޮންނަން ޖެހޭ ގޮތް،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ޕްރައިމަރީގައި ނިންމާ ގޮތަކުން އިދިކޮޅު ފަރާތްތައް، ވެރިކަމަށް ގެނައުމަށް ފުރުސަތު ދެވިގެން ހިނގައިދާނެ ކަމަށެވެ. އެމްޑީޕީ ޕްރައިމަރީގައި އެއްވެސް ޒާތީކަމެއް ނެތްކަން ފާހަގަ ކުރައްވައި ނިޒާރު ވިދާޅުވީ ޕްރައިމަރީގައި އެމްޑީޕީން ގޮތް ނިންމަންވީ ހިކުމަތްތެރިކަމާ އެކުގައި ކަމަށެވެ.

"އަޅުގަނޑުމެން ނިންމާ ނިންމުމަކީ އައްޑޫގެ ތަރައްގީއަށް ނިންމާ ނިންމުމަކަށް ވާންއެބަޖެހޭ. އެމްޑީޕީ މެމްބަރުން ގޮތް ނިންމުމުން، ސެޕްޓެމްބަރު އިންތިހާބުގައި މިއަށް ވުރެ، މާ ބުރަކޮށް މަސައްކަތް ކުރާނަން،" ނިޒާރު ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރުން އެޕާޓީގައި ދެމި ތިބެނީ އެޕާޓީގެ ސިޔާސަތުތަކާއި އެޕާޓީން ހުށަހަޅާ ހުށަހެޅުންތައް އާއްމު މެންބަރުންނަށް ކަމުދާތީ ކަމަށް ނިޒާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެމްޑީޕީގެ އެ ސިޔާސަތުތައް ތަންފީޒު ކުރެވެނީ އެމްޑީޕީ ވެރިކަމަށް އައުމުން ކަމަށް ނިޒާރު ފާހަގަކުރެއްވިއެވެ. ޕާޓީ ވެރިކަމަށް ގެނައުމަށް އާއްމު މެންބަރުން މަސައްކަތް ކުރަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ފަސް އަހަރުން ފަސް އަހަރުން މިކަން ކުރާއިރު ޕާޓީގެ މެންބަރުން ނިންމަން އެބަޖެހޭ ޕާޓީ ވެރިކަމަށް ގެނެވޭނެ ސިޔާސަތެއް އޮތީ ބޭފުޅެއްގެ އަތުގައިތޯ. ކޮން ފަސޭހަ އުސޫލެއްގެ ތެރެއިން މަސައްކަތްކެއް ކޮށްގެންތޯ އަޅުގަނޑުމެންނަށް ޕާޓީގެ ކެންޑިޑޭޓު މުޅި ރައްޔިތުންގެ ތާއީދާއެކު ވެރިކަމަށް ގެނެވޭނީ،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރުގެ ވާހަކަފުޅުގައި ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހާއި ދެބޭފުޅުން އަޅާ ކިޔާއިރު ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެން އޮތީ ރައީސް ސޯލިހާއެކު ކަމަށެވެ.

އައްޑޫ ސިޓީ އަކީ ރާއްޖޭގެ ރަށެއްގައި އެންމެ ބޮޑު އާބާދީއެއް އޮތް ސިޓީކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ އެ ސިޓީ ތަރައްގީ ކުރުމަށް ކޮންމެ ސަރުކާރަކަށް ވެސް ގޮންޖެހުމެއް އޮންނަ ކަމެއް ކަމަށެވެ. އެހެންނަމަވެސް ކުރަންޖެހޭ ކަންކަން ކުރުމަށް ރަނގަޅު ޕްލޭނެއް އޮވެއްޖެ ނަމަ ކަން ކުރެވޭނެ ކަމުގެ ހެކި އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކުން ފެންނަމުން އަންނަ ކަމަށް ނިޒާރު ވިދާޅުވިއެވެ.