އައްޑޫ ސިޓީގެ ރައްޔިތުންނަށް ތަރައްގީގެ ވާހަކަ ދެކެވޭވަރުވީ އަދި ކިރިޔާ ކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޕްރައިމަރީ ކެމްޕެއިނަށް މިއަދު އައްޑޫ ސިޓީ އަށް ވަޑައިގެން ސ. ފޭދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މީގެކުރީގެ ދެ ސަރުކާރަކުން އައްޑޫ ސިޓީ ތަރައްގީ ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރި ކަމަށެވެ. މިސާލު ޖައްސަވަމުން ރައީސް ވަނީ އައްޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމުގެ މަސައްކަތްތަކެއް ވެސް ކުރީގެ ސަރުކާރަކުން ކުރި ކަމަށާއި ނަމަވެސް އެކަމަށްޓަކައި އެތައް އަހަރެއް މަޑު ކުރަން ޖެހުނު ކަމަށެވެ. އެކަންކަން އެހެން ދިމާވަނީ އެއްވެސް ޕްލޭނެއް ނެތި މަސައްކަތް ކުރާތީ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

[caption id="attachment_46256" align="alignnone" width="1600"] ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ސޯލިހު އައްޑޫ އަށް ވަޑައިގަތުމުން އެ ސިޓީގެ ފޭދޫ އިން ރައީސަށް މަރުހަބާ ދަންނަވަނީ: ފޮޓޯ / ރައީސް ސޯލިހު ކެމްޕެއިން ޓީމް[/caption]

"ދަތުރުފަތުރުގެ ނިޒާމު ފައްޓަން މަސައްކަތް ކުރެއްވި. ސަތަރި ދޯންޏެއް އޮތް ކޮންމެ މީހަކަށް ފަޅު ރަށެއް ލިބޭ. ބަހަމުން ދިޔައީ. ބަހަމުން ދިޔައީ. ބޮޑު ސަކަރާތް ގަނޑެއް. އޭގެއިން ސަލާމަތް ނުވެވިގެން އަޅުގަނޑުމެން މިއުޅެނީ. އެތައް މިލިއަން ރުފިޔާއެއް އެބަ ޑިމާންޑު ކުރޭ. އެއްބަޔަކު 250 މިލިއަން ރުފިޔާ. އަނެއްބަޔަކު އަދި އެއަށްވުރެ ބޮޑަށް. ކިހިނެއްތޯ މިކަން ކުރާނީ. އެގްރީމަންޓުތަކާއި އެއްޗެހި ހެދިފައި ހުރި ގޮތުން ނެތް މިކަމުން އަރައިގަނެވޭކަށް،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދަތުރުފަތުރުގެ ނިޒާމު ފެއްޓުމަށް ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކަންތައްތައް ކުރަމުން ދަނީ ދުރާލާ ރާވައިގެން ވިސްނުންތެރިކަމާއެކު ކަމަށެވެ.

[caption id="attachment_46259" align="alignnone" width="1600"] ފޭދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް ސޯލިހު ކެމްޕެއިން ޓީމް[/caption]

އައްޑޫ ސިޓީ އަށް ސަރުކާރުން ގެންނަމުން އަންނަ ތަރައްގީ އަކީ އެ ސިޓީގެ ރައްޔިތުން ދީފައިވާ ޕްލޭނުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ޕްލޭނުގެ އަކުރަކަށް އަދި ފިއްޔަކަށް ވެސް ބަދަލު ނުގެނެސް އެ ތަރައްގީ އައްޑޫ އަށް ގެނެސް ދެއްވާނެ ކަމަށެވެ. އެގޮތުން އައްޑޫގެ ލިންކް ރޯޑަށްފަހު ހެދޭ އެންމެ ބޮޑު މަގު މިހާރު ހެދެމުން އަންކަން ރައީސް ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް 100 ކިލޯ މީޓަރުގެ މަގެވެ.

"ފެން ހިންދާ ނިޒާމާއި ޕޭމަންޓާއެކުގައި. މިއީ ލިންކު ރޯޑަށްފަހު މި ސިޓީގައި ކުރެވޭ އެންމެ ބޮޑު ތަރައްގީގެ ޕްލޭނުގެ މަސައްކަތް. މި ސިޓީ އަށް ބިން އިތުރުކޮށް ޓޫރިޒަމް ތަރައްގީކޮށް އަޅުގަނޑުމެން ވީ ވައުދާއި އެއްގޮތަށް މިހާރު އެ ދަނީ އެ މަސައްކަތް ކުރެވެމުން. މިސިޓީގެ ތަރައްގީގެ އެންމެ ބޮޑު ގުޅުމެއް ގުޅިފައި އޮތީ އެއާޕޯޓުގެ ތަރައްގީއާ. އެއާޕޯޓު ތަރައްގީ ނުވެ މިސިޓީ އަށް ތަރައްގީއެއް ނާންނާނެ. އެހެންކަމުން އެވީ ވައުދާއި އެއްގޮތަށް މިހާރު ޓެންޑާކޮށް ޓެކްނިކަލް އިވެލުއޭޝަން ނިމި ފައިނަލް އިވެލުއޭޝަންގައި އެއޮތީ،" އައްޑޫގެ ތަރައްގީ އަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރައީސް ވިދާޅުވިއެވެ.

[caption id="attachment_46257" align="alignnone" width="1600"] ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ސޯލިހު އައްޑޫ އަށް ވަޑައިގަތުމުން އެ ސިޓީގެ ފޭދޫ އިން ރައީސަށް މަރުހަބާ ދަންނަވަނީ: ފޮޓޯ / ރައީސް ސޯލިހު ކެމްޕެއިން ޓީމް[/caption]

މިހާރު ހިނގާ ބާރު މިނަށްވުރެ އަވަހަށް ކަންތައްތައް ކުރަން ރައްޔިތުން ބޭނުންވާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް ކޮވިޑް19އާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުނުކަން ރައީސް ފާހަގަކުރެއްވިއެވެ.