ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމާއި އެ މައްސަލައިގެ ޝަރީއަތް ހިނގި ގޮތުގެ މުޅި ރިޕޯޓު ހޯދުމަށް އިދިކޮޅު ލީޑާޝިޕުން ކޯޓަށް ހިނގައްޖެއެވެ.
ކްރިމިނަލް ކޯޓު ކައިރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) މިއަދު ވިދާޅުވީ ކޯޓަށް އައި ނަމަވެސް އެ ކޯޓުގެ އެއްވެސް އިސް ވެރިޔަކާއި ބައްދަލުވާ ގޮތް ނުވި ކަމަށެވެ. އަދި އެތަނުގައި ތިބިތާ 30 ވަރަކަށް މިނެޓު ފަހުން ކޯޓުން އެންގީ އެ މައުލޫމާތުތައް ކޯޓުން ހިއްސާ ކުރާނީ ވަކީލުންނަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ރައީސް ޔާމީނަކީ ގާތްގަނޑަކަށް ދޮޅުލައްކަ އަށްވުރެ ގިނަ މީހުންގެ ތާއީދާއެކު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ނިންމަވައިގެން ހުންނެވި ބޭފުޅެއް. ދިވެހި ރައްޔިތުންގެ ކެންޑިޑޭޓު. އެހެންވީމަ ނުހައްގުން ހުކުމެއް ޖަހައިގެން ޖަލުގައި ބާއްވާފައި އެއޮތީ އެހެންވީމަ އެ މައްސަލަ ވީހާވެސް އަވަހަކަށް އިސްތިއުނާފު ކުރަންވެގެން ވަކީލުން މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މައްސަލައިގެ ހުލާސާ ރިޕޯޓުވެސް ފުރަތަމަ ލިބިގެން ދިޔައީ ގާނޫނުގައި ބުނެފައިވާ މުއްދަތު ފަހަނައަޅާ ދިޔަ ފަހުން ކަމަށެވެ. އަދުރޭ ވަނީ އެ ހުރިހާ ކަމެއް ކުރައްވަމުން ގެންދަވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނުފޫޒު ފޯރުވައިގެން ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެއީ ރައީސް ޔާމީނަށް ދެމުން ގެންދާ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ވ. އާރަށުގެ މައްސަލާގައެވެ. އެގޮތުން މިދިޔަ މަހުގެ 25ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.
އެކަމަކު އަދިވެސް ޔާމީނަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކޮށްފައެއް ނުވެއެވެ. އެކަމާއި ގުޅިގެން ޕީޕީއެމްގެ ބައެއް އާއްމު މެންބަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. ނަމަވެސް ލީޑާޝިޕުން ބުނީ ރައީސް ޔާމީންގެ ވަކީލުންނާއި ލީޑާޝިޕާއި ދެމެދު މައްސަލައެއް ނުވަތަ ހިޔާލު ތަފާތުވުމެއް ނެތް ކަމަށެވެ.
އިސްތިއުނާފު ލަސްވާ ސަބަބާއި ގުޅިގެން ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސިޔާޒު މީގެކުރިން ވިދާޅުވީ ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްތައް އިސްތިއުނާފު ކުރުމަށްޓަކައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު މަހްޟަރު ބަޔާން ތަކާއެކު ހޯދުމަށް ރައީސް ޔާމީނަށް ހުކުމް ކުރި ދުވަހު އެދިފައިވާ ކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށް އެ ރިޕޯޓު ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ކޯޓުން ދޫކުރި ރިޕޯޓުގައި ދެފަރާތުން ދެއްކި ވާހަކަ އަދި ޝަރީއަތުގައި ކަން ހިނގި ގޮތް ފުރިހަމައަށް ލިޔެފައި ނުވެސް ނެތް ކަމަށާއި އިސްތިއުނާފްގެ އެއް މަސްދަރަކަށް ވާނީ ދެފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަ ހިމެނޭ މަޙްޟަރު ބަޔާންތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާޒު ވިދާޅުވި ގޮތުގައި ހުލާސާ ރިޕޯޓު ދިނުމުގައި ކޯޓުން އަމަލުކުރި ގޮތަށް ބަލާއިރު، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ދިގު މުއްދަތު ކޯޓުން ބޭނުން ކުރާނެ ކަމަށް ބެލެވެއެވެ.