ގިނަ ޕާޓީތައް އެކުލެވޭ ގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އެ ފަހަރުގެ އިންތިހާބު 2008ވަނަ އަހަރު ކާމިޔާބު ކުރައްވާ ރާއްޖޭގެ ރައީސް ކަމަށް ވަޑައިގެންނެވީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް ވެރިކަމުގެ ފަސް އަހަރުގެ ދައުރު ފުރިހަމަ ނުކުރެވި، 2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވިއެވެ.

ވެރިކަމުން ނަޝީދު އިސްތިއުފާ ދިނުމުން އެމްޑީޕީ އިން މަގުމަތިވިއެވެ. އެތައް މުޒާހަރާތަކެއްކޮށް އެތައް ކުރިމަތިލުންތަކެއް އެ ދުވަސްތަކުގެ ތެރޭގައި ހިނގާ ދިޔައެވެ. 2013ވަނަ އަހަރާއި ޖެހެންދެން އެމްޑީޕީ އިން އުޅެން ޖެހުނީ މަގުމަތީގައެވެ. އެ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އަނެއްކާވެސް ނަޝީދު ފައި ނެންގެވިއެވެ. އެހެންކަމުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވިއެވެ. އެ ޕްރައިމަރީގައި ވާދަކުރެއްވީ ނަޝީދު އެކަންޏެވެ. އެހެންކަމުން އެމްޑީޕީގެ ޓިކެޓު ނަޝީދަށް އޭރު ލިބިވަޑައިގެންނެވިއެވެ.

އެހެންނަމަވެސް 2013ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ނަޝީދާއި އެމްޑީޕީ އަށް ނާކާމިޔާބުވިއެވެ. އަނެއްކާވެސް ޖެހުނީ މަގުމައްޗަށް ނިކުންނާށެވެ. އެފަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރު އިދިކޮޅުގެ ލީޑަރު ރައީސް ޔާމީނެވެ.

[caption id="attachment_46210" align="alignnone" width="1024"] ހުޅުމާލޭގައި ރޭ ބޭއްވި އިވެންޓުގައި ރައީސް ވާހަކަ ދައްކަވަނީ: ނަޝީދަށް ފާޑުވިދާޅުވެ ރައްދު ދެއްވި-- ފޮޓޯ/ ރައީސް ސޯލިހު ކެމްޕެއިން ޓީމް[/caption]

ޔާމީންގެ ވެރިކަމުގައި ނަޝީދު ޖަލަށްލިއެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އޮތް ފުރުސަތު ބަންދުވިއެވެ. އެހެންނަމަވެސް ނަޝީދު ވެރިކަމަށް އައުމަށް ކުރަމުން ގެންދިޔަ މަސައްކަތް ހުއްޓައެއް ނުލައްވައެވެ. އިންތިހާބުގައި ވާދަ ކުރެއްވުމަށް ނަޝީދު ކެމްޕެއިން ކުރެއްވިއެވެ. އަމިއްލަފުޅަށް އިނގިރޭސިވިލާތަށް އަރުވާލެއްވިގެން ހުންނަވައިގެން ވެސް ޖަލްސާތައް ވެސް ދިޔައީ ބާއްވަމުންނެވެ. އެކަމަކުވެސް ނަޝީދަށް ވެރިކަމަށް ކުރިމަތިލެވޭނެ އެއްވެސް މަގެއް ނުފެނުނެވެ.

އެހެންކަމުން 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި ގުޅިފައިވާ އިއްތިހާދުން ނެރުނު ކެންޑިޑޭޓަކީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހަކީ ނަޝީދުގެ އެންމެ ގާތް އެކުވެރިޔާއެވެ. އެހެންނަމަވެސް ވެރިކަމަށް އައުމަށް ނަޝީދު ކުރަމުން ގެންދިޔަ ހުވަފެން ހުއްޓައެއް ނުލެއްވިއެވެ. މަސައްކަތް ކުރައްވަމުން ގެންދެވީ އަމިއްލަ ޕާޓީގެ ވެރިކަން "ފުނޑުފުނޑު" ކޮށްލައިގެން ވެސް އެމަނިކުފާނަށް ވެރިކަމަށް ވަޑައިގަނެވޭނެ މަގެއް ކޮށުމަށެވެ.

އެކަން ބޮޑަށް ސާފުވެގެން ދިޔައީ މިރޭ ހުޅުމާލޭގެ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި ރައީސް ސޯލިހު ބޭއްވި ކެމްޕެއިން ހަރަކާތެއްގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުންނެވެ. އެމަނިކުފާނު އެފަދަ ވާހަކަފުޅެއް ވިދާޅުވެފައި މިވަނީ ގާނޫނުއަސާސީ ބަދަލު ކުރައްވައިގެން ތިން ވަނަ ދައުރަކަށް ވެސް އިންތިހާބު ވާން ބޭނުންފުޅުވާނެ ކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

[caption id="attachment_2421" align="alignnone" width="1024"] ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ހަފްލާއެއްގައި -- ފޮޓޯ / ރައީސް އޮފީސް[/caption]

"ކާކުތޯ ގާނޫނުއަސާސީ ބަދަލުކޮށްގެން ވެރިކަމަށް އަންނަން އުޅެނީ. ވެރިކަން، ވެރިކަން، ވެރިކަން ނޫން އެއްޗެއް ނެތް، ނިޒާމު ބަދަލުކޮށްގެން ވިޔަސް، ގާނޫނު އަސާސީ ބަދަލުކޮށްގެން ވިޔަސް، ވެރިކަމަށް އަންނަން އުޅެނީ ކޮން ބޭފުޅެއްކަން ކާކުކަން އެނގޭނެ،" ނަޝީދުގެ ނަން ހާމަ ނުކުރައްވާ ނަޝީދު ވެރިކަމަށް އައުމަށް ކުރާ މަސައްކަތް ހާމަ ކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފެންނަން ހުރި ކަންކަން ވަރަށް ސާފު ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހު ވަނީ ޕްރައިމަރީގެ ކެމްޕެއިނުގައި ހަރަކާތްތެރިވާއިރު އެފަދަ ކަންކަމަށް ބަލާ ވިސްނުން މުހިއްމު ކަމަށެވެ.

"ރިޔާސީ އިންތިހާބެއްގައި އޮންނަނީ ދެ ދައުރު. އަޅުގަނޑު ނެތިން ދެ ދައުރަށްވުރެ އިތުރަކަށް ކުރިމަތިލާކަށް،" ރައީސް ވިދާޅުވިއެވެ.

މިރޭގެ ހަލްފާގައި ރައީސް ވަނީ އެމަނިކުފާނަކީ ރިޔާސީ ނިޒާމަކަށް ތާއީދު ކުރައްވާ ބޭފުޅެއްކަން ހާމަކުރައްވާ ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލާން ނިންމެވީ ވެސް އެހެންވެ ކަމަށް ރައީސް ވިދާޅުވިއެވެ. ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާނަމަ ރިޔާސީ އިންތިހާބެއްގައި ވާދަ ނުކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.