ވެރިކަން ހޯދައިދިނީ ވެސް އަދި ވެރިކަމުން ބާލާނީ ވެސް ތިމަންމަނިކުފާނުގެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހޫނު ރައްދެއް ދެއްވައިފިއެވެ.

ޕްރައިމަރީ އަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް ސޯލިހު މިރޭ ވަނީ ހުޅުމާލެ ދާއިރާގެ މެންބަރުންނާއި ކެމްޕެއިން ޓީމުތަކާއި ބައްދަލުކުރައްވާފައެވެ. ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި މިރޭ އޮތް އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޕްރައިމަރީގެ ކެމްޕެއިންގައި އުޅުއްވާއިރު ނޫސްތަކުގައި ސުރުހީތައް ލިޔަމުން އަންނަ ކަމަށެވެ. އެގޮތުން ރައީސް ވަނީ އެމަނިކުފާނާއެކު ޕްރައިމަރީގައި ދެން ވާދަކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަކާއި ގުޅިގެން ނޫސްތަކުގައި މިއަދު ލިޔެފައިވާ ސުރުހީ އަކަށް އަލިއަޅުއްވާލައްވާފައެވެ.

ބ.ހިތާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނަޝީދު މިއަދު ވަނީ 2018ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުން ރައީސް ސޯލިހު ރާއްޖޭގެ ރައީސް ކަމަށް ގެންނެވީ ވެސް އަދި ވެރިކަމުން ބާލާނީ ވެސް އެމަނިކުފާނު ކަމަށް ވިދާޅުވެފައެވެ.

"ރައީސް ސޯލިހު ވެރިކަމަށް ގެންނަން ބުނީ އަޅުގަނޑުކަން، ރައީސް ސޯލިހު ވެރިކަމުން ބާލަން ވެސް ހަމަ އުޅޭނީ އަޅުގަނޑު، އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަން،" ނަޝީދު ވިދާޅުވިއެވެ.

މިރޭ ހުޅުމާލޭގައި އޮތް ބައްދަލުވުމުގައި ނަޝީދަށް ރައްދު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެކަމާއި މެދު ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމަށެވެ. އެގޮތުން އެހެން މީހަކަށް ވެރިކަން ދެވޭނީ އަދި ވެރިކަމުން ބަދަލު ކުރުމަކީ ކާކަށް ކުރެވޭނެ ކަމެއްތޯ ރައީސް ސުވާލު އުފެއްދެވިއެވެ. އަ

"އަޅުގަނޑު ހިތުން އިންސާނުންނަށް، މާތް ރަސްކަލާނގެ އަޅުންނަށް އޮންނަ ކަމަކީ މަސައްކަތް ކުރުން. ވެރިކަމަކީ އެ ފަރާތުން ދެއްވާ އެއްޗެއް. އަޅުގަނޑު މި މަގާމުގައި މިހުރީ، މި މަގާމަށް އާދެވުނީ މާތް ރަސްކަލާނގެ އިރާދަފުޅާ އެކު، އެތައް ބައެއްގެ ތާއިދާއި އެތައް ބައެއްގެ ވޯޓާ އެކުގައި. އެންމެ މީހެއްގެ ތާއިދާ އެކުގައެއް ނޫން،" ހުޅުމާލެ އެމްޑީޕީ އާންމު މެމްބަރުންނާ ބައްދަލު ކުރައްވައި ރައީސް ސާލިހު މިރޭ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ދެމި ހުރެވެނީ ވެސް އެންމެ މީހެއްގެ ތާއީދާއެކުގައި ނޫން ކަމަށެވެ. ވެރިކަމުގައި ދެމި ހުރެވެނީ ވެސް މާތް ރަސްކަލާނގެ އިރާދަފުޅުން ގިނަ ބައެއްގެ ތާއީދާއި މަދަދާއި އެއްބާރުލުމާއެކީ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިތާދޫގައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ނަޝީދު މިއަދު ވަނީ ރައީސް ސޯލިހުގެ ދެވަނަ ދައުރަށް ފަހު ގާނޫނުއަސާސީ ބަދަލު ކުރައްވައިގެން ތިން ވަނަ ދައުރަކަށް ވެސް އިންތިހާބު ވާން ބޭނުންފުޅުވާނެ ކަމަށް ވިދާޅުވެފައެވެ. ނަޝީދުގެ އެ ވާހަކަ އަށްވެސް ރައީސް ވަނީ ރައްދު ދެއްވައިފައެވެ.

"ކާކުތޯ ގާނޫނުއަސާސީ ބަދަލުކޮށްގެން ވެރިކަމަށް އަންނަން އުޅެނީ. ވެރިކަން، ވެރިކަން، ވެރިކަން ނޫން އެއްޗެއް ނެތް، ނިޒާމު ބަދަލުކޮށްގެން ވިޔަސް، ގާނޫނު އަސާސީ ބަދަލުކޮށްގެން ވިޔަސް، ވެރިކަމަށް އަންނަން އުޅެނީ ކާކުކަން އެނގޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގާނޫނުއަސާސީގައި ވެރިކަމުގައި އެންމެ ގިނަވެގެން ވެސް މީހަކަށް ހުރެވޭނީ ފަސް އަހަރުގެ ދެ ދައުރު ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އެއަށްވުރެ ގިނައިން އެމަނިކުފާނު ވެރިކަމުގައި ހުންނަވަން މަސައްކަތް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.