ޕްރައިވެޓު ޖެޓުތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ފުރި ބާރުވެ، އަނެއްކާވެސް މުޅިން އާ ރިކޯޑެއް ގާއިމްކޮށްފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ މިދިޔަ ހޮނިހިރު ދުވަހު 856 އެއާ ޓްރެފިކް މޫވްމަންޓްގެ އަދަދާއެކު އައު ރިކޯޑެއް ގާއިމް ކޮށްފައިވާ ކަމަށެވެ.
މީގެތެރެއިން އެންމެ ގިނައީ ސީޕްލޭން މޫވްމަންޓެވެ. އެއީ 605 މޫވްމަންޓެވެ. އިންޓަނޭޝަނަލް މޫވްމަންޓު އުޅެނީ 102 އެވެ. އަދި ޑޮމެސްޓިކް މޫވްމަންޓު އުޅެނީ 114 އެވެ. އެމްއޭސީއެލް އިން ބުނީ ޕްރައިވެޓު ޖެޓުތަކުގެ މޫވްމަންޓު އުޅެނީ 35ގައި ކަމަށެވެ.
https://twitter.com/MACLmedia/status/1613047317497802753?s=20&t=zX6fNOO27bewvp3CcHKjJA

ރަންވޭ މޫވްމަންޓު މީގެކުރިން އެންމެ ގިނައިން ރިކޯޑު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. އެއީ 826 މޫވްމަންޓެވެ.

މިދިޔަ މަހުގެ 22ވަނަ ދުވަހަކީ ވެސް އެއާޕޯޓުގެ ރަންވޭ މޫވްމަންޓްގެ ރިކޯޑެއް ގާއިމްކުރި ދުވަހެކެވެ. އެއީ އާ ރަންވޭ ބޭނުން ކުރަން ފެށި ފަހުން އެފަދަ ރިކޯޑެއް ގާއިމްކުރި ފުރަތަމަ ފަހަރެވެ.

މިހާ ބޮޑަށް ރަންވޭ މޫވްމަންޓު އިތުރުވެފައި މިވަނީ ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ގިނަވުމުންނެވެ. ހާއްސަކޮށް ޕްރައިވެޓު ޖެޓުތަކުގައި ރާއްޖެ އަށް އަންނަ ފަތުރުވެރިން މިފަހުން ވަނީ އިތުރުވެފައެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 1.6 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު މި އަހަރަށް ސަރުކާރުން ވަނީ ދެ މިލިއަން ފަތުރުވެރިންގެ އަމާޒު ހިފައިފައެވެ.