މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކެނޑިޑޭޓަކު ނެރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ޕްރައިމަރީ ކެމްޕެއިން ތެރެއިން އެއްވެސް ދިމާލަކަށް ނުވަތަ ބަޔަކަށް ދެރަ ބަހެއް ރައްދު ނުކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. ޕްރައިމަަރީގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ކެމްޕޭނު ކުރައްވަމުންނެވެ.

"އެއްވެސް ދިމާލެއް ދެރަކުރަން ނިކުތް އިންތިހާބެއް ނޫން. ދެރަބަހެއްވެސް ބުނަން ބޭނުންވާ އިންތިހާބެއް ނޫން" ޕްރައިމަރީގައި ރައީސް ސޯލިހު ހޮއްވެވުމަށް އެމަނިކުފާނުގެ ފަހަތްޕުޅުގައި ބުރަ މަސައްކަތެއް ކުރައްވަމުން ގެންދަވާ މާރިޔާ "ހަތާވީސް" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވިއެވެ.

https://twitter.com/MDPKuriah/status/1612463663423819777

ރޭ ރައީސް ސޯލިހު ވަނީ މާލޭ ސިޓީގެ މެމްބަރުންނާ ކެމްޕޭނު ޓީމްުތަކާއެކު ދަރުބާރުގޭގައި ބައްދަލުކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ރައީސް، މާލޭގެ ކެމްޕޭނު ޓީމުތަކާއެކު ބޭއްވި ބައްދަލުވުމުގައި ޓީމުތަކުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކުރައްވާފައިވާ ކަމަށެވެ.

"މާލޭގައި ކެމްޕޭނު ކުރުމަކީ ފަސޭހަކަމެއް ނޫން. ކުދި ކުދި ތަންތަންކޮޅު މި ހުންނަނީ. އަދި މަތިމައްޗަށް އެބަ އަރަން ޖެހޭ. އެހެން ހިނގާލީމަ ކޮންމެ ބޭފުޅަކަށްވެސް ހަމަ ވިސްނޭ މާލޭގައި މީހުން އުޅޭ ހާލު" މާލޭގެ ތޮއްޖެހުމަށް އިޝާރާތް ކުރައްވާ މާރިޔާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރުކަން ވެސް މީގެކުރިން ކުރައްވާފައިވާ މާރިޔާ ވިދާޅުވީ މާލޭއާ މެދު ރައީސް ސޯލިހު ގެންގުޅުވާ ޕްލޭންއާ މެދު މާލޭ ރައްޔިތުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ރާއްޖެތެރެއަށް އެންމެ އެކަށީގެންވާ ތަރައްގީ ނުގެނެވޭހާ ހިނދަކު މާލޭގެ ތޮއްޖެހުން ބޮޑުވާނެކަން މާރިޔާ ފާހަގަކުރެއްވިއެވެ.

"ކިތަންމެ ވަރަކަށް ގޯތި ކަނޑާފައި ދިނަސް، ރަށްރަށަށް ތަރައްގީ ނުދާހާ ހިނދަކު މާލޭގެ ތޮއްޖެހުން ބޮޑޫވަމުން ދާނީ" މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން އެއްކުރަން ޖެހޭ މައުލޫމާތުތައް އެއްކުރަމުންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކެމްޕޭނު ޓީމުތަކާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެތަނަކީ ހަމަ ނޭވާ ލައިގެން އުޅެވޭނެ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ. މާލޭގައި ދުވަސްވެފައި ހުރި މައްސަލަތަކަށް ހައްލެއް އަންނަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ ބޯހިޔާވަހިކަމުން ގޮސް މާލޭގައި ހުރި ކެމިކަލް ގުދަންތައް މާލެ ސަރަހައްދުން ބޭރު ކުރުމާއި ހަމައަށް ހުރި މައްސަލަތައް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“ބިރުވެރިކަމެއް ނެތި އާއިލާއާ އެކީގައި ބޭރަށް ނިކުމެ އުޅެވޭނެ ތަނަކަށް މާލެ ހަދައިދޭން އެބަޖެހޭ. މިއީ މާލޭގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް އޭރުވެސް [2018ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން ތެރެއިން] އައި އިހުސާސްތަކަކީ، ހުށަހެޅި ހުށަހެޅުންތަކަކީ،” ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ވެރިކަންކުރި އެއްވެސް ސަރުކާރަކުން ނުހިންގާ ވަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ފަށައިގެން ސަރުކާރުން ކުރިޔަށް ގެންދާ ކަމަށެވެ. އެގޮތުން މުޅި ރާއްޖޭގައި 16،000 އަށްވުރެ ގިނަ ފްލެޓާއި ގޯތި އަދި ރޯހައުސް އަޅަމުން ގެންދާ ކަމަށާއި އަދި މާލެ އަށް ހާއްސަކޮށްގެން 7،000 އެތައް ފްލެޓަކާއި 5،000 ގޯތި ދިނުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.