އެމްޑީޕީ އަކީ ވެރިކަމުގައި އޮވެ، މުޒާހަރާ ކުރި ޕާޓީއެއް ކަމަށާއި އެފަދަ ދުވަހެއް އަލުން އިޔާދަވާކަށް އެދިވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގެ މެންބަރުންނާއި ކެމްޕެއިން ޓީމުތަކާއެކު މިރޭ ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަކީ ވެރިކަމުގައި އޮތްއިރު ވެސް މުޒާހަރާ ކުރި ޕާޓީއެއް ކަމަށާއި އަދި އިދިކޮޅުގައި އޮތްއިރު ވެސް މުޒާހަރާ ކޮށްފައިވާ ޕާޓީއެއް ކަމަށެވެ. ހިޔާލުފާޅު ކުރުމާއި މުޒާހަރާ ކުރުމަކީ އޮންނަން ޖެހޭނެ ހައްގެއް ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެކަމުގައި ވެސް ހަމައެއް އޮންނަން ވާނެ ކަމަށެވެ.
[caption id="attachment_46135" align="alignnone" width="1024"] މާލެ ސިޓީގެ މެންބަރުންނާއި ކެމްޕެއިން ޓީމުތަކާއެކު މިރޭ ދަރުބާރުގޭގައި ރައީސް ސޯލިހު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ހަތާވީސް ފޮޓޯ/ ޙުސައިން ޙަސަން[/caption]
"އެހެންނަމަވެސް އަޅުގަނޑުމެންގެ އެ ދުވަހުގެ ހާލަތަކީ ވެރިކަމުގައި ތިބިއިރު ވެސް މުޒާހަރާ، އިދިކޮޅުގައި ތިބިއިރު ވެސް މުޒާހަރާ. ކޮންމެވެސް ހަމައެއް އޮންނަން ޖެހޭނެ ނޫންތޯ. ކޮންމެވެސް އުސޫލެއް އޮންނަން ޖެހޭނެ ނޫންތޯ. އަޅުގަނޑަކަށް ނުފެނޭ ވެރިކަމުގައި ތިބެގެން މުޒާހަރާ ކުރަންޖެހޭ ސަބަބެއް. ސަރުކާރު ބަދަލުވީމާ އަޑު އުފުލެން އޮތް ގޮތަކަށް އުފުލާނީ. މިއަދު އަޅުގަނޑުމެން ވިސްނަންވީ އެ ދުވަހަށް އެނބުރި ދާންވީތޯ. މިއީ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ސުވާލެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެތައް ބައެއްގެ މިންނެތް މަސައްކަތުން އޭރު އޮތް އަނިޔާވެރި ވެރިކަން ބަދަލުކުރެވި، ގައުމަކަށް ބަދަލުތަކެއް ގެނެސްދެވިއްޖެ ކަމަށެވެ. އޭރުގައި އޮތް އަނިޔާވެރިކަން ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ވެރިކަމުގެ ހަތަރު އަހަރާއި އަދި އޭގެ ކުރީގެ ވެރިކަމުގެ ފަސް އަހަރާއި ރައްޔިތުން އަމިއްލަ އަށް އަޅާ ކިޔުމަށް ދެންނެވިއެވެ.
[caption id="attachment_46138" align="alignnone" width="1024"] މާލެ ސިޓީގެ މެންބަރުންނާއި ކެމްޕެއިން ޓީމުތަކާއެކު މިރޭ ދަރުބާރުގޭގައި ރައީސް ސޯލިހު ބޭއްވި ބައްދަލުވުމަށްފަހު، ފޮޓޯއެއް ނަގަނީ: ހަތާވީސް ފޮޓޯ/ ޙުސައިން ޙަސަން[/caption]
"އަމިއްލަ އަށް ވިސްނަވާ މިކަންތައްތަކާއި ދޭތެރޭ. ވެރިކަމަށް ގޮސް މުޒާހަރާ ކުރާނީތޯ މަގުމަތީގައި ތިބެގެން މުޒާހަރާ ކުރާނީތޯ ނޫނިއްޔާ މިގޮތަށް ހަމަޖެހިގެން އަޅުގަނޑުމެންގެ އާއްމު ދިރިއުޅުމައިގެން އާއިލާތަކުގައި ކުރިޔަށް ދާނީތޯ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު މިއަދު ހަވީރު މާލޭގައި ޑޯޓުޑޯ ހިންގެވިއެވެ. މިރޭގެ ބައްދަލުވުމުގައި ރައީސް ވަނީ ޑޯޓުޑޯ އިން އެމަނިކުފާނާއި ބައްދަލުވި ވިޔަފާރިވެރިއަކު އެމަނިކުފާނަށް ދެންނެވި ވާހަކަ މިރޭގެ ބައްދަލުވުމުގެ ބައިވެރިންނާއި ހިއްސާ ކުރައްވާފައެވެ.
[caption id="attachment_46133" align="alignnone" width="1600"] މާލެ ސިޓީގެ މެންބަރުންނާއި ކެމްޕެއިން ޓީމުތަކާއެކު މިރޭ ދަރުބާރުގޭގައި ރައީސް ސޯލިހު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް ސޯލިހު ކެމްޕެއިން ޓީމް[/caption]
"އަމިއްލަ އަށް ވަޑައިިގެން ވިދާޅުވީ ތިމަންނާ މިއައީ ރައީސް އަށް ތާއީދު ކުރަންވެގެންނޭ. ތިމަންނަ އަށް ކުރެވެން އޮތް ހުރިހާ ކަމެއް ޖާނާ މާލުން ކޮށްދެން ތައްޔާރަށޭ މިހުރީ. ތިމަންނަ ބޭނުމެއް ނުވެއޭ ތިމަންނަގެ ވިޔަފާރި ބަންދުވެފައި ހުންނާކަށެއް. ތަޖުރިބާ ކޮށްފީމޭ. ރޭގަނޑު ފިހާރަ ހުޅުވާލެވެނީއެކޭ ނޫނޭ. އެހެންނަމަވެސް މިހާރު ރޭގަނޑު ފިހާރަ ހުޅުވާލައިގެން ވިޔަފާރި ކުރެވެއޭ. ދެމަފިރިން އެކީގައި ބޭރަށް ގޮސްލެވޭ. އެހެންވީމަ މިކަން ދަމަހައްޓަން ތިމަންނާ ބޭނުމޭ. އެނބުރި އެ ދުވަހަކަށް ދާކަށް ތިމަންނާ ބޭނުމެއް ނޫނޭ،" ރައީސް ސޯލިހާ މިއަދު ބައްދަލުވި ވިޔަފާރިވެރިއަކު ދެއްކި ވާހަކަ ހިއްސާ ކުރަމުން ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެތަނަކީ ހަމަ ނޭވާ ލައިގެން އުޅެވޭނެ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ. މާލޭގައި ދުވަސްވެފައި ހުރި މައްސަލަތަކަށް ހައްލެއް އަންނަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ ބޯހިޔާވަހިކަމުން ގޮސް މާލޭގައި ހުރި ކެމިކަލް ގުދަންތައް މާލެ ސަރަހައްދުން ބޭރު ކުރުމާއި ހަމައަށް ހުރި މައްސަލަތައް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
[caption id="attachment_46122" align="alignnone" width="1600"] މާލެ ސިޓީގެ މެންބަރުންނާއި ކެމްޕެއިން ޓީމުތަކާއެކު މިރޭ ދަރުބާރުގޭގައި ރައީސް ސޯލިހު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / ރައީސް ސޯލިހު ކެމްޕެއިން ޓީމް[/caption]
"ބިރުވެރިކަމެއް ނެތި އާއިލާއާ އެކީގައި ބޭރަށް ނިކުމެ އުޅެވޭނެ ތަނަކަށް މާލެ ހަދައިދޭން އެބަޖެހޭ. މިއީ މާލޭގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް އޭރުވެސް [2018ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން ތެރެއިން] އައި އިހުސާސްތަކަކީ، ހުށަހެޅި ހުށަހެޅުންތަކަކީ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ވެރިކަންކުރި އެއްވެސް ސަރުކާރަކުން ނުހިންގާ ވަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ފަށައިގެން ސަރުކާރުން ކުރިޔަށް ގެންދާ ކަމަށެވެ. އެގޮތުން މުޅި ރާއްޖޭގައި 16،000 އަށްވުރެ ގިނަ ފްލެޓާއި ގޯތި އަދި ރޯހައުސް އަޅަމުން ގެންދާ ކަމަށާއި އަދި މާލެ އަށް ހާއްސަކޮށްގެން 7،000 އެތައް ފްލެޓަކާއި 5،000 ގޯތި ދިނުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.