އދ. ދަނގެތީގައި މަމަރާލާފައި ވަޅަކަށް ލާފައި އޮއްވާ ފެނުނު އެރަށުގެ ވިޔަފާރިވެރިޔާއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި ކަމަށް އެ މައްސަލާގައި ދައުވާ އުފުލާފައިވާ ޝާ އާލޮމް މިއާ (ސާލިމް) ކުރިން އިއުތިރާފުވީ ނަމަވެސް، ހައިކޯޓު މަރުހަލާގައި އެކަން އޭނާ ނުކުރާ ކަމަށް ބުނެފިއެވެ.

ދެހާސް އެކާވީސްވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މަހްމޫދު މަރާލިކަމުގެ ކުށުގައި ސާލިމްގެ މައްޗަށް ދައުވާ ކުރުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 19ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އޭނާ ވަނީ އެކަމަށް އިއުތިރާފުވެފައެވެ. އެހެންކަމުން އެ މައްސަލާގައި އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ކުރިޔަށް ގެންގޮސް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 26ވަނަ ދުވަހު އޭނާގެ މައްޗަށް ކުށް ސާބިތުވިކަން ކްރިމިނަލް ކޯޓުން ކަނޑައެޅިއެވެ. އަދި ޖެހިގެން އައި ޖެނުއަރީ މަހުގެ 27ވަނަ ދުވަހު ސާލިމް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

އެ މައްސަލަ ސާލިމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފެއް ނުކުރެއެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅިއެވެ.

ހައިކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ސާލިމްގެ ފަރާތުން ފެނިގެން ދިޔައީ އެހެން މަންޒަރެކެވެ. އަދި އިވިގެން ދިޔައީ މުޅިން އެހެން ވާހަކަތަކެކެވެ. އެގޮތުން މީގެކުރިން މަހްމޫދު މަރާލި ކަމަށް އެއްބަސްވި ސާލިމް މިއަދު ވަނީ އެއީ އޭނާ ކުރި ކަމެއް ނޫން ކަމަށް ބުނެ އެކަމަށް އިންކާރު ކޮށްފައެވެ.

އަދި އެ މައްސަލަ އަށް މީގެކުރިން އިއުތިރާފުވީ، އެ ގޮތަށް އެ ކަން ކުރުމުން ބަންގްލަދޭޝްއަށް ފޮނުވާލާނެ ކަމަށް ތަހުގީގު މަރުހަލާގައި އޭނާގެ ތަރުޖަމާނަކަށް ހުރި މީހާ ބުނުމުން ކަމަށް ސާލިމް މިއަދު ހައިކޯޓުގައި ބުންޏެވެ.

"އޭނާ ބުނަނީ އަހަރެން އޭނާ ބުނާ ގޮތަށް ބުނަނީމަ ފަހުން ބަންގްލަދޭޝް ފޮނުވަނީ، އެކަމު ނުފޮނުވަނީ،" ސާލިމް ބުންޏެވެ.

އެހެންކަމުން ސާލިމް މިހާރު އެދެނީ އޭނާ އަށް ބަންގްލަދޭޝް ތަރުޖަމާނަކު ހަމަޖައްސައި ދިނުމަށެވެ.

ނަމަވެސް ސާލިމް އިޝާރާތް ކުރަނީ ކޮން ތަރުޖަމާނަކަށް ކަމެއް ދައުލަތަކަށް ނޭނގެއެވެ. ދައުލަތުން ބުނީ ތަހުގީގު މަރުހަލާގައާ ދަނގެތީ ކޯޓުގައި ސާލިމްގެ ތަރުޖަމާނަކަށް މަސައްކަތް ކޮށްފައި ވަނީ އެހެން މީހެއް ކަމަށެވެ.

މީގެއިތުރުން މިއަދުގެ އަޑުއެހުމުގައި ސާލިމް ވަނީ އޭނާ އަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައި ދިނުމަށް ވެސް އެދިފައެވެ.