ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް އިސްތިއުނާފު ނުކުރެވިގެން އުޅޭ ސަބަބު އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ހާމަކޮށްފިއެވެ.
ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ވ. އާރަށުގެ މައްސަލާގައެވެ. އެގޮތުން މިދިޔަ މަހުގެ 25ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.
އެކަމަކު އަދިވެސް ޔާމީނަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކޮށްފައެއް ނުވެއެވެ. އެކަމާއި ގުޅިގެން ޕީޕީއެމްގެ ބައެއް އާއްމު މެންބަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. ނަމަވެސް ލީޑާޝިޕުން ބުނީ ރައީސް ޔާމީންގެ ވަކީލުންނާއި ލީޑާޝިޕާއި ދެމެދު މައްސަލައެއް ނުވަތަ ހިޔާލު ތަފާތުވުމެއް ނެތް ކަމަށެވެ.
https://twitter.com/AbdullaSiyaz/status/1612694214294507521?s=20&t=sWOboor-ZkBzeubYfhOl2A
އިސްތިއުނާފު ލަސްވާ ސަބަބާއި ގުޅިގެން ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސިޔާޒު ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވީ ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްތައް އިސްތިއުނާފު ކުރުމަށްޓަކައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު މަހްޟަރު ބަޔާން ތަކާއެކު ހޯދުމަށް ރައީސް ޔާމީނަށް ހުކުމް ކުރި ދުވަހު އެދިފައިވާ ކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށް އެ ރިޕޯޓު ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ކޯޓުން ދޫކުރި ރިޕޯޓުގައި ދެފަރާތުން ދެއްކި ވާހަކަ އަދި ޝަރީއަތުގައި ކަން ހިނގި ގޮތް ފުރިހަމައަށް ލިޔެފައި ނުވެސް ނެތް ކަމަށާއި އިސްތިއުނާފްގެ އެއް މަސްދަރަކަށް ވާނީ ދެފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަ ހިމެނޭ މަޙްޟަރު ބަޔާންތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާޒު ވިދާޅުވި ގޮތުގައި ހުލާސާ ރިޕޯޓު ދިނުމުގައި ކޯޓުން އަމަލުކުރި ގޮތަށް ބަލާއިރު، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ދިގު މުއްދަތު ކޯޓުން ބޭނުން ކުރާނެ ކަމަށް ބެލެވެއެވެ.
"ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަކީ ދައުލަތުން ދައުވާއެއް ކުރީތީ އެ ދައުވާއަށް ހެކި ނުދެއްކުނަސް ސާބިތުވާ ކަމަށް ކަނޑައަޅަން ޖެހޭކަމަށް ގާނޫނެއްގައި ލިޔެގެން އުޅުން ފަދަ ހުކުމެއް،" ސިޔާޒު ވިދާޅުވިއެވެ.
ހުކުމް ކުރުމުގެ ކުރިން އިއްވި ނުކުތާތަކާ ލިޔެފައިއޮތް ނުކުާތައް މުޅިން ތަފާތުކަން ފާހަގަކުރައްވާ ސިޔާޒު ވިދާޅުވީ ލިޔެފައި ހުރި ނުުކުތާތަކަކީ ދައުލަތުން ހުލާސާ ބަޔާނުގައި ލިޔެފައިހުރި "ބުހުތާނު ދޮގު" ކަމަށް ވާތީ ރައްޔިތުންނަށް އަޑުއިވޭ ވަރަށް ކިޔަން ނުކެރުނީ ކަމަށް ބެލެވޭ ކަމަށެވެ. އަދި ވިދާޅުވީ އިސްތިއުނާފް މަރުޙަލާ އަށް ހުށަހެޅުމަށް ފޯމު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.