ހދ. ހަނިމާދޫގައި ތަރައްގީ ކުރުމަށް ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް މި މަސް ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް ނިއުސް" އިން އިކޮނޮމިކް މިނިސްޓްރީއާ ހަވާލާދީ ބުނެފައި ވަނީ ހަނިމާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތް ސީދާ ފަށާނެ ތާރީހެއް ހާމައެއް ނުކުރެއެވެ.

ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް އަލުން ތަރައްގީ ކުރުމަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމް ގެ ދަށުން ފައިނޭންސް ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ކޮންސަލްޓެންޓް ކަމުގައިވާ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭ.އޭ.އައި) އިން ވަނީ މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖްކްޓް ރިޕޯޓް (ޑީ.ޕީ.އާރް) ގެ މަސައްކަތް ފުރިހަމަކޮށް ވަނީ ހުށަހަޅައިފައެވެ. ޑީޕީއާރް ފަންޑް ކޮށްފައި ވަނީ އިންޑިއާ ސަރުކާރުގެ 750،000 ޑޮލަރުގެ ގްރާންޓެއް މެދުވެރިކޮށް ކަމަށާއި އަދި ދިވެހި ސަރުކާރުން ވަނީ ޑީޕީއާރް ގެ ކުރަންޖެހޭ ތަހުލީލުތައްކޮށް ވަނީ ބަލައިގެންފައެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ޓާމިނަލް އިމާރާތުގެ ޑިޒައިން ކޮންސެޕްޓް ބިނާވެފައިވަނީ ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ މަށްޗަށް، ހާއްސަކޮށް މަޑި ސިފަވާނެހެންނެވެ.

އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓަށް އުމްރާނީ އަދި އޮޕަރޭޝަނަލް ބޮޑެތި ބަދަލުތަކެއް ގެނެވި އެއާސައިޑް، ލޭންޑްސައިޑް އަދި އިމާރާތްތަކުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރެވިގެން ދާނެއެވެ. މި އަޕްގްރޭޑް ތަކުގެ ސަބަބުން އިންޓަނެޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައި.ސީ.އޭ.އޯ) ގެ މިންގަނޑުތަށް ދެމެހެއްޓި، ދިވެހިރާއްޖެއަށް އަންނާނެ ‘ޓްރެފިކް’ ދަތިކަމެއްނެތި ބަލައިގަނެވޭނެއެވެ.