ޓެކްސީ ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ސަރުކާރުން މިއަހަރުގެ ތެރޭގައި ކާރުތަކެއް ގެނެސް ދިގު މުއްދަތަކަށް ފައިސާ ދެއްކޭނެ ގޮތަކަށް އެ ކާރުތައް ދޫކުރުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޕްރައިމަރީގެ ކެމްޕެއިނުގައި ބ. އޭދަފުއްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ ޓެކްސީ ޑްރައިވަރުނާއި ގުޅޭ ގޮތުން އެމަނިކުފާނުގެ ވާދަވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައިފައެވެ.
[caption id="attachment_46018" align="alignnone" width="1024"] އޭދަފުށީގައި ބޭއްވި ރައީސް ސޯލިހުގެ ޕްރައިމަރީ ކެމްޕެއިން ޖަލްސާގެ ތެރެއިން: ފޮޓޯ / ރައީސް ސޯލިހު ކެމްޕެއިން ޓީމް[/caption]
އެގޮތުން ނަޝީދު ވަނީ ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ވިސްނުން ހުރީ ޓެކްސީތައް ސަރުކާރަށް ނެގުން ކަމަށް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ޑްރައިވަރުންނަށް ސަރުކާރުން ވަޒީފާ ދޭނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ރައީސް ވިދާޅުވީ އަމިއްލަ ފަރުދުން ކުރާ ވިޔަފާރިތަކަށް ސަރުކާރުން ވަނުމަކީ އެއްވެސް ގޮތަކަށް ރަނގަޅު ކަމެއް ނޫން ކަމަށެވެ. ސީދާ ނަޝީދު ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ސަރުކާރަށް ޓެކްސީތައް ނެގުމަކީ އެއްވެސް ގޮތަކަށް ކަމުދާ ކަމެއް ނޫން ކަމަށެވެ.
"މިއީ ކޮން ބައެއްގެ ވިޔަފާރީގެ ވާހަކައެއްތޯ. ވަކިވަކި އިންޑިވިޖުއަލް ދުއްވާ ޓެކްސީތައް ސަރުކާރަށް ނަގާ ވާހަކަ. ސަރުކާރުންނޭ ދެން ދުއްވާނީ [ޓެކްސީ]. ޓެކްސީ ޑްރައިވަރުންނަށް ތިމަންނާމެން ދޭނީ ވަޒީފާއޭ. އެއީއެއް ނޫން އެކަން ކުރަން ޖެހޭނެ ގޮތަކީ. ކަމަކުނުދޭ އެކަމެއް،" ރައީސް ވިދާޅުވިއެވެ.
އެކަން ކުރަންޖެހޭނެ ގޮތް ވިދާޅުވެދެއްވަމުން ރައީސް ވިދާޅުވީ އާ ޓެކްސީ ހޯދާ ދިގު މުއްދަތުގައި ފައިސާ ދެއްކޭނެ ގޮތަށް އާ ކާރު ޑްރައިވަރުންނާއި ހަވާލު ކުރަންވީ ކަމަށެވެ.
[caption id="attachment_46019" align="alignnone" width="1024"] އޭދަފުށީގައި ބޭއްވި ރައީސް ސޯލިހުގެ ޕްރައިމަރީ ކެމްޕެއިން ޖަލްސާގެ ތެރެއިން: ފޮޓޯ / ރައީސް ސޯލިހު ކެމްޕެއިން ޓީމް[/caption]
"އިރާދަކުރެއްވިއްޔާ އެކަމަކީ އަޅުގަނޑުމެންގެ ޕްލޭނުގައިވެސް އޮތް ކަމެއް. މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ކާރުތައް ރާއްޖެ އަށް ގެނެސް. މާލޭގައި ޓެކްސީ ދުއްވާ ފަރާތްތަކަށް ދިގު މުއްދަތަކަށް ހަލާސް ކުރާ ގޮތަށް ކާރުތައް އިރާދަކުރެއްވިއްޔާ ހަވާލުކުރާނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ވެސް ރައީސް ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރައްވާނެ ކަަމަށް ވިދާޅުވެފައެވެ. އަދި ވެރިކަން ވެސް އެމަނިކުފާނު ދަމަހައްޓަވާނެ ކަމަށް ވިދާޅުވިއެވެ.