ސަރުކާރެއް ހިންގުމަށް ސިޔާސީ އެކި ޕާޓީތަކާއެކު ކޯލިޝަނެއް އޮތުން މުހިއްމު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާ އެމްޑީޮީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ނ. މަނަދޫ އަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ފާއިތުވި މާޒީއަށް ބަލާލާއިރު ރައްޔިތުން ހިޔާރު ކުރަނީ ކޮން ކަހަލަ ސަރުކާރެއްކަން ފެންނަން އެބައޮތް ކަމަށެވެ. އެގޮތުން 2008ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ އިން ކާމިޔާބު ކުރިއިރު ގިނަ ޕާޓީތަކެއް އެކުލެވޭ ކޯލިޝަނެއް އޮތް ކަމަށާއި 2013ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމް އިން ކާމިޔާބު ކުރިއިރު ވެސް ގިނަ ޕާޓީތަކެއް އެކުލެވޭ ކޯލިޝަނެއް އޮތް ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ރައީސް ގަބޫލުކުރައްވާ ގޮތުގައި ކަންތައްތައް ހަމަޖެހި ތަރުތީބު ވަންދެން ގިނަ ފިކުރުތައް އެއްތަނެއްގައި ތިބެ މަޝްވަރާކޮށްގެން ކަންކަން ނިންމުމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތެވެ.
ރައީސް ވަނީ މީގެކުރިން މާލޭގައި ބޭއްވި ކެމްޕެއިން ހަރުގެ ޖަލްސާއެއްގައި ވެސް މިފަދައިން ވާހަކަ ދައްކަވާފައެވެ. އެގޮތުން އެރޭގެ ޖަލްސާގައި ރައީސް ވަނީ ކޯލިޝަނަކާއި ނުލާ ވެރިކަމަށް ނާދެވޭނެ ކަމަށް ވިދާޅުވެފައެވެ.
މަނަދޫގައި މިއަދު ރައީސް ސޯލިހު އިތުރަށް ވާހަކަދައްކަވަމުން ވިދާޅުވީ އެމްޑީޕީ އިން 2008ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބުކުރި ނަމަވެސް މާގިނަ ދުވަސްތަކެއް ނުވަނީސް ވެރިކަން ނިމުމަކަށް އައުމުން އެމްޑީޕީގެ މެންބަރުން މަގުމަތިވެގެން ދިޔަ ކަމަށެވެ. އެހެންކަމުން ރައީސް ވަނީ 2013ވަނަ އަހަރުން 2018ވަނަ އަހަރާއި ހަމައަށް އެމްޑީޕީގެ މެންބަރުން އުޅުނު ގޮތާއި އުފުލަންޖެހުނު ތަކުލީފު ހަނދާނަށް ގެނައުމަށް ވިދާޅުވެފައެވެ.
އޭރު ކަންކަން އޮތީ މިއަދު އޮތްހާ ސުލްހަވެރިކޮށް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސަރުކާރާއި ދެކޮޅަށް ބަސް ބުނާ ކޮންމެ މީހަކަށް ވެސް އަދަބު ލިބެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އާއްމު ރައްޔިތުންނެކޭ އެއްފަދައިން ސިޔާސީ ފަރާތްތަކަށް ވެސް އޭރު އޮތީ ބިރުވެރިކަން ކަމަށާއި އެތައް ދުވަސްތަކެއް ވަންދެން ބަންދު ކޮށްގެން ގެންގުޅޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"ޑިމޮކްރެޓިކް ސަރުކާރެއްގެ އެއްވެސް ސިފައެއް އެ ސަރުކާރަކު ނެތް،" ކުރީގެ ރައީސް ޔާމީންގެ ސަރުކާރަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުން މިއަދު ނިންމަންވީ އެންމެ ކަމެއް ކަމަށެވެ. އެގޮތުން އޭރު އޮތް ބިރުވެރިކަމަށް އަލުން އަނބުރާ ދާންވީތޯ ނޫނީ ސުލްހަވެރިކަމާއެކު ދެމި ތިބޭނީތޯ ކަމަށް ރައީސް ވިދާޅުވިއެވެ.