ދިމާވި އެކިއެކި ގޮންޖެހުންތައް ހުރަސްކޮށް ރައްޔިތުންނަށް ހިދުމަތް ކޮށްދިނީ ކެތްތެރިކަމާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާ އެމްޑީޮީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ނ. ކެނދިކުޅުދޫ އަށް މިއަދު ވަޑައިގެން ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރު ފެށުނީއްސުރެ އަމިއްލަ ޕާޓީގެ އެތެރެއިންނާއި އިދިކޮޅު ޕާޓީގެ ފަރާތުން ތަފާތު އެކި ގޮތްގޮތަށް ގޮންޖެހުންތައް ކުރިމަތިވަމުން އައި ކަމަށެވެ.
[caption id="attachment_45929" align="alignnone" width="1024"] ކެމްޕެއިނަށް ރައީސް ކެނދިކުޅުދޫ އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ: ފޮޓޯ / ރައީސް ސޯލިހް ކެމްޕެއިން ޓީމް[/caption]
އެހެންނަމަވެސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެމަނިކުފާނު ދެމި ހުންނެވީ ކެތްތެރިކަމާއެކުގައި ކަމަށް ރައީސް ސޯލިހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ސަރުކާރުގެ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިޔަށް ގެންދެވިފައިވާ ކަމަށެވެ. މި ސަރުކާރަކީ ކުޑަ ރަށެއް ބޮޑު ރަށެއް ބާކީ ކުރާނެ ސަރުކާރެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
[caption id="attachment_45928" align="alignnone" width="1024"] ކެނދިކުޅުދޫގައި ރައީސް ބައިވެރިވެވަޑައިގެންނެވި ކެމްޕެއިން ހަރުގެ ޖަލްސާގައި އެރަށަށް ނިސްބަތްވާ އެމްޑީޕީ އަދި ރައީސް ސޯލިހަށް ތާއީދު ކުރާ ފަރާތްތަކުން ބައިވެރިވަނީ: ފޮޓޯ / ރައީސް ސޯލިހް ކެމްޕެއިން ޓީމް[/caption]
ރައީސް ސޯލިހު ޕްރައިމަރީ ކެމްޕެއިނުގައި ނ. އަތޮޅަށް ވަޑައިގެން އުޅުއްވާއިރު އިއްޔެ އެމަނިކުފާނު ވަނީ ރ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ. އެގޮތުން ރ. މާކުރަތާއި އިންނަމާދޫގެ އިތުރުން މީދޫ އަށް ވަޑައިގެންނެވެ.
މީދޫ އަށް ވަޑައިގެން ރައީސް ސޯލިހު ވަނީ ރޭ އެރަށުގައި ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވާފައެވެ.