ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދެމުން އަންނަ މާލީ އެހީ އަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށާއި އެ ބަދަލު ވަރަށް އަވަހަށް ސަރުކާރުން ހާމަ ކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. އަލިފުށީގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިރޭގެ ހަފްލާގައި މިރޭގެ ހަފްލާގައި އިފްތިތާހް ކުރެވުނު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލައިގަނެ، އެމީހުންނަށް އެކަށީގެންވާ ފުރުސަތު ހޯދައި ދިނުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެ ދަފްތަރުގެ އެންމެ މުހިންމު ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ މައުލޫމާތު، ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބެލެހެއްޓުން ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން އެ ދަފްތަރުން ކޮށްދޭނެ މުހިންމު އަނެއް ކަމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ފުރިހަމަ ރަޖިސްޓްރީއެއް ތައްޔާރުކުރެވިގެން ދިޔުން ކަމަށާއި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންނާއި ކުދިން، އެ ދަފްތަރުން ވަކި ކެޓަގަރީތަކަކަށް ބަހާލެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭރުން އެއިން ކޮންމެ މީހެއްގެ ހާލަތު ވަކިން ފާހަގަކުރެވޭނެ ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވިދާޅުވީ ކޮންމެ މީހަކަށް ބޭނުންވާނެ އެހީތެރިކަމާއި، އެހީ ދޭންޖެހޭނެ މިންވަރާއި، ދޭންޖެހޭނެ ހިދުމަތްތައްވެސް އެ ދަފްތަރުން ކަނޑައެޅި ފާހަގަވެގެންދާނެ ކަމަށެވެ.

"މި ދަފްތަރު ގާއިމުކުރުމުގެ އަނެއް ބޭނުމަކީ، ރަށްރަށުގައި ދިރިއުޅޭ މީހުންނާއި ކުދިންގެ މައުލޫމާތުތައްވެސް، އެ ރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް، ދުވަހުން ދުވަހަށް އަދާހަމަކުރަމުން ގެންދިޔުން. ގާނޫނެއްގެ ދަށުން އެފަދަ މީހުންނާއި ކުދިންނަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީއާއި، އެހެނިހެން އެހީތެރިކަމާއި ހިދުމަތްތައް ފޯރުކޮށްދިނުން، މި ދަފްތަރުގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ" ރައީީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، މިވަގުތު ގެންނަންޖެހިފައި އޮތް ބަދަލު ގެނައުމަށް، އެ ދަފްތަރުން މަގުފަހިވެގެންދާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަހިކޮށްދޭންޖެހޭ އެންމެ މުހިންމު ކަމަކީ، އެ މީހެއްގެ ހާލަތަށް ރިޢާޔަތްކޮށް ދޭންޖެހޭ ހިދުމަތްތައް، އެ މީހަކު ދިރިއުޅޭ ވެށިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށެވެ. އެގޮތުން އެ ހިދުމަތް ދިނުމަށްޓަކައި، މިހާތަނަށް ހަތަރު އަތޮޅެއްގައި، ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގައިގެން ހިދުމަތް ދެވޭނެ މީހުން ތަމްރީން ކުރެވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނުކުޅެދުންތެރިކަމެއް ނެތަސް، ލޯތްބާއި، އަޅައިލުމާއި، އޯގާތެރިކަން ބޭނުންވާ ވަރަށް ގިނަ ބަޔަކު ދިވެހި މުޖުތަމައުގެ ތެރޭގައި ތިބިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެއީ، މުސްކުޅި މައިންބަފައިންނާއި، ގާތްތިމާގެ މީހުން ކަމަށާއި އެހެންނަމަވެސް އެފަދަ ބައެއް މީހުން މިއަދުވެސް ތިބީ، އާއިލާގެ ލޯބިން މަޙްރޫމްވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އެފަދަ ބައެއް މީހުން މިއަދުވެސް ތިބީ އެ މީހުންގެ ގާތްތިމާގެ މީހުން، އެމީހުން ބަލައި އަންނާނެ ވަގުތެއްގެ އިންތިޒާރުގައި ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.