ހަށިވިއްކުމާއި އިންސާނީ ވަގުފާރީގެ މައްސަލާގައި މިދިޔަ އަހަރު 32 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރީގެ މައްސަލަތައް ހުއްޓުވުމަށް ފާއިތުވި އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން، ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާއިތުވި އަހަރު 25 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި އޭގެ ތެރެއިން 14 އޮޕަރޭޝަނަކީ އިންޓެލިޖެންސް މައުލޫމާތަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއް ކަމަށް ފުލުހުން ބުނެއެވެ. އަނެއް 11 އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއް ކަމަށް ބުންޏެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންތަކުގައި އަންހެނުންނާއި ފިރިހެނުން ހިމެނޭހެން ޖުމްލަ 32 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ ދިވެހިންނާއި 26 ބިދޭސީންނެވެ. ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރީގެ މައްސަލަތަކުގައި ފާއިތުވި އަހަރު 28 ބިދޭސީން ޑީޕޯޓުކޮށްފައިވެއެވެ. އެ މީހުންގެ ތެރޭގައި 2022 ވަނަ އަހަރުގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންވެސް ހިމެނެއެވެ.

ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރި ކުރުމުގެ 11 މައްސަލައެއް ކޭސްކޮށްގެން ފާއިތުވި އަހަރު ތަހުގީގުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން ހަ މައްސަލައެއްގެ ތަހުގީގު މިހާރުވެސް ކުރިއަށްދާއިރު ދެ މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު ތިން މައްސަލައެއް ފައިލުކޮށްފައިވާ ކަމަށް ބުންޏެވެ.