ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ރ. އަލިފުއްޓަށް ނާންނަވަރުގެ ތަރައްގީއެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އަތުވެއްޖެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ސާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ރ. އަލިފުއްޓަށް މިއަދު ވަނީ ވަޑައިގެންފައެވެ. މި ދަތުރުފުޅަކީ، 2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

[caption id="attachment_45882" align="alignnone" width="2560"] ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ރ. އަލިފުށި ކައުންސިލާ ބައްދަލުކުރެއްވުން: ފޮޓޯ / ރައީސް އޮފީސް[/caption]

މި ދަތުރުފުޅުގައި ރައީސް ވަނީ އަލިފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ، ފާއިތުވި 20އަށް އަހަރުގެ ތެރޭގައި އަލިފުށްޓަށް ނާންނަހައި ބޮޑު ތަރައްގީއެއް މިދައުރުގައި އައިސްފައިވާކަމާއި އަދި މިހާރުވެސް ގިނަ މަޝްރޫއުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން އަލިފުށީގެ އެއާޕޯޓުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ މަސައްކަތްތައް ފަދަ ގިނަ މަޝްރޫއުތައް ހިނގަމުންދާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިވަގުތަށް ބޭނުން ވެފައިވާ ކަންކަމުގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަލިފުށީގެ އިރުމަތި ފަރާތު ބަނދަރު މަރާމާތު ކުރުމާއި، ސިނާއީ ސަރަހައްދަށް ބިން އިތުރު ކުރުމާއި، އިޖުތިމާއީ މަރުކަޒެއް އެޅުމާއި އަދި އަލިފުށީގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް އަވަސް ކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

އެބައްދަލުވުމުގައި އަލިފުށީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ވަނީ އަލިފުށީ ބޯޓުޔާޑު ސަރަހައްދުގައި އުފެދޭ ފައިބަރުކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމްކުރަން ބޭނުންވާކަމާއި، އަދި އަލިފުށީގައި ކެންސަރުބަލި އިތުރުވެފައިވާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ބޭނުންވެފައިވާކަން ފާހަގަކުރައްވާފައެވެ.

[caption id="attachment_45883" align="alignnone" width="2560"] އަލިފުށި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން -- ފޮޓޯ / ރައީސް އޮފީސް[/caption]

އެބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، އަލިފުށީގައި މިހާރު ކުރިޔަށްދާ ތަރައްގީގެ މަޝްރޫތައް ގޮސްފައިވާ ހިސާބާއި، އަދި ރޭވިފައިވާ މަޝްރޫއުތަކުގެ މަޢުލޫމާތު ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ކޮމިޓީއާ ހިއްސާކުރެއްވިއެވެ. މިގޮތުން އަލިފުށީގައި ސަރުކާރުން އިމާރާތްކުރައްވާ އައު ހޮސްޕިޓަލަށް ފަންޑް ހަމަޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތައް ނިމިގެން ދިޔުމަށްފަހުގައި ދެން އެންމެ ބޮޑުކަމަކަށް އޮންނާނީ ޒަމާނީ ފެންވަރަށް ރަށްރަށުގެ މަގުތައް ހެދުން ކަމަށް ވިދާޅުވިއެވެ. އަދި އެއީ ރަށްރަށުގެ ތަރައްގީ އަށް މުހިއްމުކަމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އަލިފުށީގެ ތަރައްގީއަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކާއެކު މަޝްވަރާކުރައްވައި ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.