ރެއަކީ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ސަރުކާރުން ޖާގަ ދޭ މިންވަރު ވަރަށް ބޮޑަށް ހާމަވެގެން ދިޔަ ރެއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީގެ މައި ހަރުގޭގައި ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާ އެއް ވަނީ ބާއްވައިފައެވެ. އެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގެންނެވިއިރު އެމްޑީޕީ ހަރުގެ ކުރިމައްޗަށްވާ ގޮތަަށް އޮންނަ އާޓްފިޝަލް ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް އިން ޖަލްސާއެއް ބޭއްވިއެވެ.
އެ ޖަލްސާ އަކީ ކުރީގެ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމާއި ދެކޮޅަށް އަޑު އުފުލުމަށް ބޭއްވި ޖަލްސާއެކެވެ.
ފަސްޓް ލޭޑީ ފަޒްނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރެއަކީ ތާރީހީ ރެއެއް ކަމަށެވެ. އަދި ރެއަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮތް މިންވަރުވެސް ހާމަވެގެން ދިޔަ ރެއެއް ކަމަށް ވިދާޅުވިއެވެ.
”ހަމަ ނުޖެހުމެއް ނުހިނގާ، ބާރުގެ ބޭނުންކޮށް އިދިކޮޅު ޖަލްސާއަށް ހުރަހެއް ނާޅާ. ނުހުއްޓުވާ. މީހަކު ހައްޔަރެއް ނުކުރޭ،” ފަޒްނާ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް ސޯލިހް ވާހަކަ ދައްކަވަމުން ގެންދެވި ވަގުތު އެމަނިކުފާނަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑު ކިޔުއްވިއެވެ. އެކަމުގެ ސަބަބުން އެމަނިކުފާނަށް ވާހަކަފުޅު ކުރިޔަށް ގެންދަވަން އުނދަގޫވެސްވިއެވެ.
”ކެތްތެރިކަމުގެ ލާމަސީލު މިސާލެއް،” އެކަމަށް އިޝާރާތް ކުރައްވާ ފަޒްނާ ވިދާޅުވިއެވެ.
އިދިކޮޅުން ބޭއްވި ޖަލްސާ އަށް އިޝާރާތް ކުރައްވާ ރައީސް ވެސް ރޭގެ ޖަލްސާގައި ކޮންމެވެސް ވަރަކަށް ވާހަކަދެެއްކެވިއެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެކަން އޮތް ގޮތާއި މިއަދާއި ހުރި ތަފާތު ހަމައެކަނި އެ ޖަލްސާއިން ވެސް ފެނިގެން ދާނެ ކަމަށް ވިދާޅުވިއެވެ. އަދި ހައްޔަރުނުކޮށް ބަންދު ނުކޮށް ވެރިކަން ކުރެވޭނެކަން ދައްކުވައި ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.