އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ ކަމަށާއި ކަންކަން ނިންމާނީ ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގެ ފުރަތަމަ ހަރުގެ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމެވީ ގައުމުގައި އަމާންކަމާއި ސުލްހަ ގާއިމް ކުރެއްވުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ 2008 ވަނަ އަހަރުން 2013 ވަނަ އަހަރާއި ދެމެދު މުޅި ގައުމުގައި އަމާންކަން ގެއްލުނުކަން މާލޭގެ މަގުތަކަށް ނިކުތްް ކޮންމެ މީހަކަށް އެނގިގެން ދާނެ ކަމަށެވެ. އެހެންނަމަވެސް މިހާރު އެ ދުވަސް ބަދަލުކުރެވިއްޖެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އެއްވެސް މީހެއްގެ އަޅަކަށް ނުވާނަން. މީހުންގެ އަޑު އަހާނަން. ކަންތައްތައް ނިންމާނީ އެންމެންނަށް ފައިދާވާ ގޮތަށް. އަޅުގަނޑު ކައިރީގައި އިންޑިއާ ކަނޑުގެ މެދުގައި ކަނދު ފޮއްޗެއް އަޅާފައި މަސް ކިރާށޭ އައިސް ދޭށޭ ފެން ދޭށޭ ބުނީމާ އެކަމެއް ނުކުރާނަން، އެއީކީއެއް ކުރެވޭނެ ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ބޭއްވި މަލްޓި ޕާޓީ އިންތިހާބުގައި ވާދަކޮށް އެމްޑީޕީ އިން ކާމިޔާބު ކުރީ ކޯލިޝަނަކާއެކު ކަމަށެވެ. އަދި އެ ޕާޓީތަކާއެކު އެއްބަސްވުންތަކެއް އެކުލަވާލެވުނު ކަމަށާއި އެހެންނަމަވެސް ދެ މަސް ދުވަސް ނުވަނީސް، ފެނިގެން ދިޔައީ ކޯލިޝަނުން ޕާޓީތައް ވަކިވެގެން ދިޔަތަން ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެފަހުން ވެރިކަން ކުރުމަށް އެތައް ދަތިތަކެއް ކުރިމަތިވި ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެންމެ ފަހުން ރައްޔިތުން ހަވާލުކުރި ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނުނިމެނީސް އެމްޑީޕީ އަށް ޖެހުނީ އަނެއްކާވެސް މަގުމައްޗަށް ނިކުންނަން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަކު މިހާރު އެއީ އެމްޑީޕީގެ މެންބަރުން ބޭނުންވާ ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އިންތިހާބު ކުރާ ވެރިއަކަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެވެން ޖެހޭނެ، އެ ވިސްނުން ހުންނަން ޖެހޭނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސްގެ ކެމްޕެއިން ހަރުގެ ޖަލްސާ ކުރިޔަށް ދިޔައިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ވަނީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ.
އެ އެއްވުމަށް އިޝާރާތް ކުރައްވާ ރައީސް ވަނީ މީގެކުރިން އެފަދަ އެއްވެސް ހަރަކާތެއް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކުރިޔަށް ނުގެންދެވޭ ކަމަށާއި އެހެންނަމަވެސް އެމަނިކުފާނުގެ ސަރުކާރުން އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމަށް ހުރަސް ނާޅުއްވާނެ ކަމަށް ވިދާޅުވިއެވެ.