ރ. ހުޅުދުއްފާރުގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެރަށު ބޮޑުތަކުރުފާނު މަގުގައި ސްޓޯމް ވޯޓާ އެޅުމުގެ މަސައްކަތް ނިމިއްޖެއެވެ.
ހުޅުދުއްފާރު މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެ މަގުގައި ކާބްސްޓޯން ޖެހުމުގެ އިތުރުން ކީވޯލް އެޅުމާއި ދުވާރު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޖަމީލް މަގުގައި ސްޓޯމް ވޯޓާ އެޅުމުގެ މަސައްކަތް ވެސް ކުރިޔަށްދާ ކަމަށްވެސް ބުންޏެވެ.
އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 22ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ އަގަކީ 88 މިލިއަން ރުފިޔާއެވެ.
އެ މަޝްރޫއުގެ ދަށުން ހުޅުދުއްފާރުގެ 3.2 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅައި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ހަރުކުރާނެ އެވެ.
ހުޅުދުއްފާރަކީ 1572 މީހުންގެ އާބާދީގެ ރަށެކެވެ. މިހާތަނަށް މަގު ހެދުމުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ މި ރަށުގައި މީހުން އާބާދުވާން ފެށީ 1990ގެ ހިސާބުގައެވެ. މި ރަށުގައި ވަޒަންވެރިވީ ރ. އުނގުލު މީހުންނާއި ރ. އުނޑޫދޫ މީހުންނެވެ. އެ ދެ ރަށުން މީހުން ފައިބައި، މި ރަށުގައި ވަޒަންވެރިވުމަށްފަހު ރަސްމީ ގޮތުން މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ހުޅުދުއްފާރު ކަނޑައެޅީ 13 މާޗް 1995ގައެވެ.