މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުގެ ސުރުޚީތަކުން ފެނުނީ ޗައިނާގެ އެހީގައި ބިނާކުރި ސިނަމާލެ ބްރިޖާއި، އިންޑިއާގެ އެހީގައި ކުރިއަށްދާ ތިލަމާލެ ބްރިޖުގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބްރިޖްތަކަށް ޒިޔާރަތްކުރެއްވި ޚަބަރުތަކެވެ.
އިންޖިނޭރުންގެ ދުވަސް ފާހަގަކުރެއްވުމަށް އާދިއްތަ ދުވަހު ހަވީރު މާލެއިން ވިލިމާލެއަށް ފައިމަގުގައި ވަޑައިގަތެވެ. ސިނަމާލެ ބުރިޖު ހުޅުވުނުތާ އަށް އަހަރު ފުރުމުގެ މުނާސަބަތުގައި އެބްރިޖަށްވެސް ވަޑައިގަތެވެ.
ނަމަވެސް، ސަރުކާރުން ގެންގުޅޭ ދޯދިޔާ ޚާރިޖީ ސިޔާސަތުގެ ސަބަބުން މި ދެ ގައުމުންކުރެ އެއްވެސް ގައުމަކާއެކު ހަގީގީ "ރަހުމަތްތެރިކަމުގެ ފާލަމެއް" އަދިވެސް އެޅިފައިނުވާ ކަމަށް ސިޔާސީ ފަރާތްތަކުން ފާހަގަކުރެއެވެ. ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުގައި ވަކި އަމާޒެއް ނެތުމާއި، އެކި އިރު އެކި ގޮތަށް ބަސްމަގާއި އަމަލުތައް ބަހައްޓަވާތީ ބައިނަލްއަގުވާމީ މަޝްރަހުގައި ރާއްޖޭގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.
ޚާއްޞަކޮށް، ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނާއި، ވެރިކަމުގެ ކުރީކޮޅު "އިންޑިއާ އައުޓް" ހަރަކާތްތަކަށް ހިތްވަރުދެއްވައި އިންޑިއާއާ ގުޅުން ގޯސްކުރެއްވުމަށްފަހު، ފަހުން އަލުން އެ ގައުމުގެ އެހީއަށް އެދެންޖެހުމުން ޚާރިޖީ ސިޔާސަތުގައި ސާބިތުކަމެއް ނެތްކަން ހާމަވެގެންދެއެވެ. އެއާއެކު، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ގުޅުން ބަދަހިވި ކަމަށް ދެއްކެވި ނަމަވެސް، ޢަމަލީ މައިދާނުގައި ޗައިނާގެ ބޮޑެތި އިންވެސްޓްމަންޓްތަކާއި އެހީތައް އިތުރަށް ހޯދުމުގައި ސަރުކާރު ވަނީ ނުކުޅެދިފައެވެ. މިގޮތަށް އެންމެ ބޮޑަށް އެހީ ދޭ ދެޤައުމާއެކު އޮންނަ ސިޔާސީ ގުޅުން ބަދަހިނުވުމުގެ ސަބަބުން، ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަމާއި ލޯނުތައް އެހެން ދިމަދިމާލުން ހަމަޖެއްސުމުގައިވެސް ބޮޑެތި ގޮންޖެހުންތައް ސަރުކާރަށް ވަނީ ކުރިމަތިވެފައެވެ.
ސިނަމާލެ ބުރިޖަށް 8 އަހަރު ފުރޭ މުނާސަބަތުގައި، ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަން ދަމަހައްޓައި، ޗައިނާއާއެކު އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން އިތުރުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ. އަހައްމިއްޔަތުކަން އިތުރުކުރާނެކަމަށް ވިދާޅުވިޔަސް، އަމަލަކުން އެކަމެއްވެސް ނުފެނެއެވެ. އަދި ތިލަމާލޭ ބްރިޖްފަދަ މަޝްރޫޢުތަކުގެ މަސައްކަތްތައް، ދެޤައުމުގެ މެދުގައި އޮތް ގާތް ގުޅުން ވަރުގަދަވާނެ ފަދަ ގޮތަކަށް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބަޔާންކޮށްފައިވީނަމަވެސް، އެއީ ކޮން ގޮތެއްކަމެއް އެނގޭ ބަޔަކު ނެތެވެ.
ކޮންކްރީޓުން ފާލަންތައް ބިނާކުރެވުނު ކަމުގައިވީ ނަމަވެސް، ޚާރިޖީ ގުޅުންތަކަކީ ހަމައެކަނި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބަލައިގެން ދެމެހެއްޓޭނެ އެއްޗެއް ނޫނެވެ. ދެމެހެއްޓެނިވި ޚާރިޖީ ސިޔާސަތެއް ނެތި، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ކުޅޭ "ސިޔާސީ ކުޅިވަރެއްގެ" ތެރެއިން ރާއްޖެއަށް ލިބޭނެ މަންފާއެއް ނެތްކަން މިހާރު މިއޮތީ ސާފުކޮށް ފެންނާށެވެ. އެހެންކަމުން، ބްރިޖުތަކަށް ޒިޔާރަތްކުރައްވައި ފޮޓޯ ނެންގެވުމުގެ ބަދަލުގައި، ސަރުކާރުން ޖެހެނީ ޚާރިޖީ ސިޔާސަތު ހަމައަކަށް އަޅުވައި، ދުނިޔޭގެ ގައުމުތަކާއެކު އަސްލު ރަހުމަތްތެރިކަމުގެ ފާލަމެއް އަލުން ބިނާކުރާށެވެ.
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ
ވަޒީފާ ދިނުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަން ލާޒިމުކޮށްފި
މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރި މައިމޫން ވިލިމާލެ ޖަލަށް