ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މީހުން ވެއްދުމުގެ މަސައްކަތް ސްޓެލްކޯގެ ހިއުމަން ރިސޯސަސް (އެޗްއާރް) ޑިޕާޓްމަންޓުން ކުރަމުންދާކަން ލައިވް ޓީވީ ޕްރޮގްރާމެއްގެ ތެރެއިން ފަޅާއެރުމާ ގުޅިގެން، އެކަން ކުރި ކަމަށް ބުނާ މުވައްޒަފު އެ ކުންފުނިން ބަދުނާމުކޮށްފިއެވެ.

މިކަން ހާމަވެފައިވަނީ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މިއަދު ސްޓެލްކޯގެ އެޗްއާރް ޑިޕާޓްމަންޓުގެ ފޯނު ނަންބަރަށް ގުޅައި، އެ ކުންފުނީގެ މުވައްޒަފުން ޕީއެންސީއަށް މީހުން ވެއްދުމުގައި އަމަލުކުރަންވީ ގޮތް އޮޅުންފިލުވުމުގެ ތެރޭގައެވެ. އެޗްއާރް ޑިޕާޓްމަންޓުގެ ފޯނަށް ގުޅުމުން، ސްޓެލްކޯގެ މުވައްޒަފުން ލައްވައި އެ މަސައްކަތް ކުރަމުންދާ ކަމަށް ލައިވް ޓީވީގައި ވަނީ އެއްބަސްވެފައެވެ. އަދި އެކަން ކުރިއަށް ގެންދާނެ ގޮތުގެ ތަފުސީލު ވެސް އެޗްއާރް ޑިޕާޓްމަންޓުން ވަނީ ކިޔައިދީފައެވެ.

މި މައްސަލައާ ގުޅިގެން ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި އެ ކުންފުނީގެ އެޗްއާރް ޑިޕާޓްމަންޓަށް ގުޅި ކަމަށް ބުނެ ދެކެވުނު ވާހަކަތަކާ ގުޅިގެން އެކަން ހިނގާފައިވާ ގޮތް ތަހުގީގުކުރުމަށްޓަކައި، އެކަމުގައި ތުހުމަތުކުރެވޭ މުވައްޒަފު މިހާރު ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކޮށްފައިވާ ކަމަށެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ، އެ ކުންފުންޏަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެ އިސް ގައުމީ ޒިންމާ އުފުލާ އެއް މުއައްސަސާ ކަމަށެވެ. އަދި ކުންފުނީގެ މުޅި ޓީމުގެ މައިގަނޑު އަމާޒަކީ 24 ގަޑިއިރު މެދުކެނޑުމެއްނެތި، އިތުބާރާއެކު ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމާއި، ކުންފުނީގެ ވަގުތާއި ވަސީލަތްތައް ގައުމީ އަދި އިޖުތިމާއީ ވާޖިބުތަކަށް ހޭދަކުރުން ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، މި މައްސަލަ ބެލުމަށްފަހު ކުންފުނީގެ ގަވާއިދުގެ ދަށުން އަޅަންޖެހޭ އިސްލާހީ އަދި އިދާރީ ފިޔަވަޅުތައް ފަސްޖެހުމެއްނެތި އަޅަމުން ގެންދާނެ ކަމަށާއި، ކުންފުނީގެ އަމާޒަކީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.