މިދިޔަ ހުކުރު ދުވަހުގެ ރެއިން ފެށިގެން މާލޭގައި ފަށާފައިވާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރި އެމްޑީޕީ ޔޫތު ވިންގުގެ ނައިބު ރައީސް، އަހުމަދު މައިމޫމް ވިލިމާލެ ޖަލަށް ބަދަލުކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހުގެ ރޭ މައިމޫން ހައްޔަރު ކުރުމަށްފަހު، ގެންދިޔައީ ގަލޮޅު ޕޮލިސް ސްޓޭޝަނަށެވެ. އެއަށްފަހު، އޭނާ ގެންގޮސްފައި ވަނީ ވިލިމާލެ ޖަލަށެވެ.
މުޒާހަރާތަކުން ހައްޔަރު ކުރާ މީހުން މީގެ ކުރިން ހައްޔަރުކޮށްގެން ގެންދަނީ މާލޭގައި ހުންނަ އަތޮޅުވެހި ޖަލަށާއި ދޫނިދޫ ޖަލަށެވެ. ނަމަވެސް މައިމޫން ވިލިމާލެ ޖަލަށް ބަދަލުކުރި ސަބަބެއް ނޭނގެއެވެ.
މައިމޫންގެ މައްޗަށް ކުރަނީ ބަންދުކޮށްފައި ހުރި މަގެއްގައި ޖަހާފައިވާ ބެރިކޭޑުތައް ދުރަށް ޖެއްސިކަމުގެ ތުހުމަތެވެ. ހުކުރު ދުވަހުގެ ރޭ ޗާންދަނީމަގު ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެ މަގުން ދުއްވާ އެއްޗެއްސަށް ދެވޭ ގޮތަށް ފުލުހުން ވަނީ ހުޅުވާލާފައެވެ. އަދި އާންމުން ހިނގާބިނގާވެ އުޅުމަށް ފުލުހުން އެ ރޭ ފުރުސަތު ދީފައިވެއެވެ. ނަމަވެސް މައިމޫންގެ މައްޗަށް އެ ތުހުމަތު ކުރީ އޭނާއަށް ބިރުދައްކައި، މުޒާހަރާތަކަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ.
މާލޭގައި މުޒާހަރާ ކުރަން ފަށާފައި ވަނީ ސަރުކާރު ކުންފުނިތަކުން މީހުން ވަކިކުރަމުންދާތީ އާއި ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރުމާ ދެކޮޅަށާއި ރަށްރަށުގެ ބާރު މާލެއަށް ޖަމާކުރުމާ ދެކޮޅަށެވެ.
މުޒާހަރާތައް ކުރަނީ އެމްޑީޕީގެ އާންމު މެމްބަރުން އިސް ނަގައިގެންނެވެ. އެ މުޒާހަރާތަކަށް އިތުރު ހިތްވަރެއް ލިބުނީ ހޯމަ ދުވަހު ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުން، ސިލްސިލާ ސީދާ ހަރަކާތް ފެށުމަށް ފާސްކުރުމުންނެވެ.
މާލޭގައި މުޒާހަރާތައް ފަށާފައިވާއިރު، ވަޒީފާތަކުން މީހުން ވަކިކުރަމުންދާތީ، ށ. ފޯކައިދޫ އާއި ޅ. ކުރެންދޫ އާއި އައްޑޫ ސިޓީގައި ވެސް ވަނީ އިހްތިޖާޖުކޮށްފައެވެ.
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ
ވަޒީފާ ދިނުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަން ލާޒިމުކޮށްފި
މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރި މައިމޫން ވިލިމާލެ ޖަލަށް
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި