އައްޑޫ ސިޓީ ލިންކް ރޯޑާއެކު 67.58 ކިލޯމީޓަރު މަގުގައި ތާރު އަޅަން އާރްޑީސީއާ ހަވާލުކޮށްފައި ވަނިކޮށް އެ މަސައްކަތް އެހެން ބަޔަކާއި ހަވާލު ކުރަން މަސައްކަތް ކުރާ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
އެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް 8 ވަނަ ދުވަހުއެވެ. އަދި އެ މަޝްރޫއު ރަސްމީކޮށް އިފުތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ގައި އައްޑު އަށް ކުރެއްވި ދަތުރުގައެވެ.
އެ މަޝްރޫއު އާރްޑީސީއާ ހަވާލުކުުރީ 2028 ގެ ކުރިން ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން ލިންކް ރޯޑުގެ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީކުރުމަށް ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން، އައްޑޫގައި މީގެ ކުރިން ހިންގި މަގު ހެދުމުގެ މަސައްކަތްތަކުގެ ތެރެއިން ނުނިމި ހުރި މަގުތަކާއި ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން ޖުމްލަ 67.58 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ނިންމައިފައެވެ.
ނަމަވެސް ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ ލިންކް ރޯޑުގެ މަސައްކަތާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ހައުސިން މިނިސްޓަރު މުއްތަލިބް ވިދާޅުވީ އެ މަގުގެ މަސައްކަތް އެކަށީގެންވާ ފެންވަރަކަށް ނިންމުމަށް ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން، ސަރުކާރުގެ އަމާޒަކީ ވީހާވެސް ހަރަދު ކުޑަވާނެ ގޮތަކަށް، އަދި އަވަސް މިނެއްގައި އެ މަސައްކަތް ނިންމާލުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު މުއްތަލިބް އިތުރަށް ވިދާޅުވީ، ލިންކް ރޯޑުގައި ތާރު އެޅުމުގެ މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެހެންނަމަވެސް، އެ މަގު މަރާމާތުކޮށް ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނޭ އިތުރު މަގުތަކުގެ މަސައްކަތް ކުރިއަށް ގެންދާނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކަމަށް އޭނާ ވިދާޅުވިއެވެ.
ލިންކް ރޯޑް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށްޓަކައި މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ