ރަށްރަށުގެ ބާރުތައް މާލެއަށް ޖަމާކުރުމަށް ބާރުއަޅަމުންދާ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންގައިގެން، މިއަހަރުގެ މިނިވަން ދުވަހު އައްޑޫ ސިޓީގެ ސިޓީސްކެއަރގައި ސިފައިން ދިދަ ނުނަގަން ނިންމައިފިއެވެ. މިއީ ފާއިތުވި ފަސް އަހަރު ދުވަހު އެ ސިޓީގައި ބާއްވަމުން އައި ރަސްމިއްޔާތެކެވެ.

މިއަދު ފާހަގަ ކުރާ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ އައްޑޫ ކޯއްޓޭގައި ދިދަ ނެގުމުގައި ސިފައިން ބައިވެރިނުވާނެކަން ސިފައިން އަންގާފައިވާ ކަމަށް ވިދާޅުވެ، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ރަސްމިއްޔާތުގައި ކެޑޭޓުން ވެސް ބައިވެރިކުރުމަށް ހުއްދަ ލިބިފައިނުވާ ކަމަށެވެ.

"ފާއިތުވި ފަސް އަހަރު އައްޑޫ ސިޓީގައި މިނިވަންދުވަހުގެ ހެނދުނު، ސިޓީސްކެއަރގެ ދިދަ ކޯއްޓޭގައި އެމްއެންޑީއެފްގެ ދިދަ ބިސީ އާއި އެކު ކައުންސިލްއިން ބާއްވާ ދިދަ ނެނގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވޭ. ނަމަވެސް މިއަހަރު މި ރަސްމިއްޔާތުގައި އެމްއެންޑީއެފްއިން ބައިވެރިނުވާން ވަނީ އަންގާފައި،" އައްޑޫ ސިޓީގެ މޭޔަރު ނިޒާރު ވިދާޅުވިއެވެ.

މޭޔަރު ނިޒާރު ވަނީ މިނިވަންކަމުގެ އިހުސާސް ވާންޖެހެނީ ހަމައެކަނި މާލޭގައި ދިރިއުޅޭ ބަޔަކަށްތޯ ސުވާލު އުފައްދަވާފައެވެ. އަދި "ނާތަހުޒީބު ބަޔަކު ނުރުހުނަސް އަދި ހުރަސް އެޅިއަސް" މާދަމާ ހެނދުނު ސިޓީ ސްކެއަރ ދިދަ ކޯއްޓޭގައި ކައުންސިލުން އިސްނަގައިގެން ދިދަ ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ދާދި ފަހުން އައްޑޫ ސިޓީގެ އިހްތިސާސުގައި އޮތް ސަވާހެލި ވެސް އެ ސިޓީން ވަކިކޮށްފައެވެ. އެކަން ކޮށްފައިވަނީ ސިޓީ ކައުންސިލުން އެ ރަށް 50 އަހަރުގެ މުއްދަތަށް ތަރައްގީކުރުމަށް ބީލަމަށް ލާފައިވަނިކޮށެވެ. އެ މަޝްރޫއުގެ ދަށުން ބީޗް އޭރިއާއަކާއި، ވޯޓާ ސްޕޯޓްސް އަދި އެކި ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް އޮތީ ރޭވިފައެވެ.

މި ސަރުކާރުން ވަނީ އަތޮޅު ކައުންސިލްތައް އުވާލައި، ރަށު ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ އިތުރުން ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ވެސް ހަނިކޮށްފައެވެ. އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީން ހޯދާފައިވާއިރު، ސަރުކާރު ހިންގާ ޕީއެންސީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ.