ސަރުކާރުގެ އެސް.އޯ.އީތައް "ރައިޓްސައިޒް" ކުރުމުގެ ނަމުގައި ކޮންމެ ކުންފުންޏަކުން 33 ޕަސެންޓް މުވައްޒަފުން ވަކިކުރަންޖޭނަމަ، 14,733 މީހުން ވަޒީފާއިން ވަކިކުރަންޖެހޭނެ ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު އެހެން ވިދާޅުވީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އަންގައިގެން ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާތީ، އެކަމާ ކަންބޮޑުވުންފާޅުކުރުމުގެ ގޮތުން އެމްޑީޕީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.
ފައްޔާޒު ވިދާޅުވީ ޕީސީބީގެ އެންގުމާ އެއްގޮތަށް އަމަލުކޮށްފިނަމަ، ރާއްޖޭގެ އާބާދީގެ 50،000 މީހުންނަށް އެކަމުގެ އަސަރު ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މި ނިންމުމުގެ ސަބަބުން އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ކުރާނެ ނޭދެވޭ އަސަރު ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 25 އިންސައްތަ މީހުންކަން ކުރާނެ ކަމަށެވެ.
ކުރީގެ ސަރުކާރުން ކޮވިޑް19 ގެ ތެރޭގައި އަމަލުކުރި ގޮތާ މިހާރުގެ ސިޔާސަތު އަޅާކިޔުއްވަމުން ފައްޔާޒު ވިދާޅުވީ، އަމިއްލަ ކުންފުނިތަކުންނާއި އާންދަނީ ހުއްޓިގެން އޭރު ވަޒީފާ ގެއްލުނު 22،945 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީގެން ސަރުކާރުން އެ މީހުން ބެލެހެއްޓި ކަމަށެވެ. އެ މީހުންނަށް އެހީތެރިކަން ފޯރިކޮށްދީގެން ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް އޭރުގެ ސަރުކާރުން ހިންގި ޕްރޮގްރާމެއްގެ ދަށުން 419 ބިލިއަން ރުފިޔާ ހަރަދުކުރި ކަމަށެވެ.
އެ ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދަނީ އެއްވެސް އުސޫލެއް ނުވަތަ އިޖުރާއަތެއް ނެތި ކަމަށެވެ. ވަކި އިންސައްތައެއް ކަނޑައަޅައިގެން މުވައްޒަފުން ވަކިކުރުމުގެ ބަދަލުގައި، ކޮންމެ ކުންފުންޏަކުންވެސް އޮޕަރޭޝަނަލް އޮޑިޓެއް ހަދައި، އެ ކުންފުންޏެއްގެ މެންޑޭޓަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަންނަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހަސަން ލަތީފު ވަނީ ބޮޑެތި ކުންފުނިތަކުން މުވައްޒަފުން ވަކިކުރަން ނިންމާފައިވާ އަދަދުތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ. އެގޮތުން އެސްޓީއޯ، ފެނަކަ، އެމްއޭސީއެލް އަދި ބޭންކް އޮފް މޯލްޑިވްސް ފަދަ ތަންތަނުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ނިންމާފައިވަނީ އެއްވެސް ދިރާސާއެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މިކަމުގެ ސަބަބުން އެ މުވައްޒަފުންގެ އާއިލާތަކަށާއި މުޅި މުޖުތަމައަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ހައްގުގައި އެމްޑީޕީގެ ގާނޫނީ ކޮމިޓީން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާތަނަށް 65 މުވައްޒަފެއްގެ މައްސަލަ ޕާޓީން ބަލަމުންދާއިރު، އޭގެ ތެރެއިން 37 މައްސަލައެއް ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށް ހަސަން ލަތީފު މައުލޫމާތު ދެއްވިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކުގެ މުވައްޒަފުންގެ 33 އިންސައްތަ މަދުކުރުމަށް އަންގާފައިވާ އެންގުމާ ގުޅޭގޮތުން ހަސަން ލަތީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިގޮތަށް މުވައްޒަފުން ކަނޑާލުމުގެ ކުރިން، ކޮންމެ ކުންފުންޏަކަށް ބޭނުންވާނެ މުވައްޒަފުންގެ އަދަދު ޕީސީބީން ކަނޑައަޅައި އަންގަންޖެހެއެވެ.
މި އެންގުމާ އެއްގޮތަށް އަމަލުކޮށްފިނަމަ ބޮޑެތި ކުންފުނިތަކުން މުވައްޒަފުން މަދުވާނެ ގޮތުގެ ހިސާބުތަކެއް ހަސަން ލަތީފް ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އެސްޓީއޯގެ 7,100 މުވައްޒަފުންގެ ތެރެއިން 1,353 މީހުން ކަނޑާލަންޖެހޭނެ ކަމަށާއި، ފެނަކައިގެ 7,900 މުވައްޒަފުންގެ ތެރެއިން 2,607 މީހުން ކަނޑާލަންޖެހޭނެ، އަދި އެމްއޭސީއެލްގެ 7,290 މުވައްޒަފުންގެ ތެރެއިން 1,980 މީހުން ވަކިކުރަން ޖެހޭނެކަން ހަސަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކުދި ކުންފުނިތަކަށް އަންނާނެ ބަދަލުތަކަށް ބަލާއިރު، އެފްޓީސީގެ 580 މުވައްޒަފުންގެ ތެރެއިން 190 މީހުން ވަކިކުރަންޖެހޭނެ ކަމަށާއި ޙައްޖު ކޯޕަރޭޝަންގެ 46 މުވައްޒަފުންގެ ތެރެއިން 15 މީހުން ވަކިކުރަންޖެހޭނެ ކަމަށާއި އަދި މޯލްޑިވްސް ޕޯސްޓްގެ 310 މުވައްޒަފުންގެ ތެރެއިން 102 މީހުން ވަކިކުރަން ޖެހޭނެ ކަމަށެވެ. ބޭންކް އޮފް މޯލްޑިވްސްގައި 3,600 މުވައްޒަފުން ތިބިކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި
ސަރުކާރުން އުޅެނީ 14،000 ވުރެ ގިނަ މުވައްޒަފުން ވަކިކުރަން: ފައްޔާޒު
އެކި ފަހަރު މަތިން ސައުދީއަށް އެތެރެވެވޭ ހާއްސަ އުމްރާ ވިސާއެއް
ސިޔާސީ ގޮތުން މުވައްޒަފުން ވަކިކުރާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ
ރާއްޖެ-އިންޑިއާ އެފްޓީއޭ: އިގްތިސޯދު އާ އުސްމިނަކަށް
ޕީއެންސީ އިންތިހާބުގެ ހަމަނުޖެހުން: ތިން މީހުން ހައްޔަރުކޮށްފި