ސިޔާސީ ގޮތުން ވަކި ބަޔަކަށް އަމާޒުކޮށް އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓުވާލުމަކީ ދެވޭ ބޮޑު އަނިޔާއެއް ކަމަށާއި ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމުގައި ބައިވެރިވާ މީހުންނާ ގާނޫނުއަރާ ހަމަކުރާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަގާމުތައް އުވާލުމަށް ފަހު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވަޒީފާތަކުން އެތައް މުވައްޒަފުންނެއް ވަކިކުރަމުންދާ ކަމަށާއި އެކަން ކުރަނީ ވަޒީފާއާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ.

ފައްޔާޒު ތުހުމަތު ކުރެއްވި ގޮތުގައި، 24 ގަޑިއިރުގެ ނޯޓިސް ވެސް ދިނުމަކާ ނުލައި އެމްޑީޕީއަށް ތާއިދުކުރާ އެތައް ސަތޭކަ މުވައްޒަފުންނަކަށް ވަނީ ވަޒީފާއިން ވަކިވުމަށް މަޖުބޫރުކޮށްފައެވެ. އަދި މިގޮތަށް ވަޒީފާތަކުން މީހުން ވަކިކުރުމުގައި ބަލާފައިވަނީ ޕީއެންސީގެ މަޖިލިސް މެންބަރުން ތައްޔާރުކުރި ލިސްޓަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެތައް އަހަރަކު ހިދުމަތްކޮށްފައި ތިބި ގާބިލު މުވައްޒަފުން ވަކިކޮށް ސިޔާސީ އެކްޓިވިސްޓުންނަށް މަގާމުތައް ދަނީ ދެމުން،" ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ފައްޔާޒު ވިދާޅުވިއެވެ.

ސަރުކާރުން ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި ކުރަމުންދާ ހަމައެކަނި ކަމަކީ ރައީސް މުއިއްޒުއަށް ތާއިދުނުކުރާ މީހުން ވަޒީފާތަކުން ވަކިކުރުން ކަމަށް ފައްޔާޒު ސިފަކުރެއްވިއެވެ. އަދި މިފަދަ ޣައިރު ގާނޫނީ އަމަލުތަކުގައި ބައިވެރިވާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފައެވެ.

ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ކަމަށް ބުނެ، ކުންފުނިތަކުން މުވައްޒަފުން ވަކިކުރަން ފަށާފައިވާއިރު، ނިމިދިޔަ އެމްޑީޕީ ޗެއަރޕާސަން އިންތިހާބުގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފައިވާތީ، އެ މައްސަލަތައް އެމްޑީޕީގެ ފަރާތުން ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައެވެ. އެގޮތުން އެމްޑީޕީން ހުށަހެޅި މައްސަލަތަކުގެ އަދަދު 60 އަށް ވުރެ ގިނަ ކަމަށް އެ ޕާޓީގެ ލީގަލް ކޮމިޓީން ވަނީ ބުނެފައެވެ.