ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް"ގެ ނަމުގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދައިފިއެވެ.

މި އޮފީހަކީ، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި ތަންފީޒުކުރުމަށާއި، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ހައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރާނެ ސަރުކާރުގެ ވަކި އިދާރާއެއް ހަމަޖެއްސެވުމުގެ ބޭނުމުގައި އުފެއްދެވި އޮފީހެކެވެ.

ރައީސް އޮފީހުން މިއަދު ބުނީ ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަކީ ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ އިދާރާއެއް ކަމަށެވެ.

އެ އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި، މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި އެ ޕުރޮގުރާމުތައް ތަންފީޒުކުރުމާއި، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން ދިމާވެފައިވާ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ޓަކައި އެކުވައިލަންޖެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ހައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރުން ހިމެނޭ ކަމަށެވެ.