އިންޑިއާއިން ދިވެހިރާއްޖެއަށް ބޭރުކުރާ ޕެޓްރޯލާއި ޑީސަލުން ނަގާ ރޯޑް އެންޑް އިންފްރާސްޓްރަކްޗާ ސެސް (އާރް.އައި.ސީ) އިން އިސްތިސްނާ ދިނުމަށް އެގައުމުން ނިންމައިފިއެވެ.

އިންޑިއާގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެކްސްޕޯޓްކުރާ ތެލުން ނަގާ މި ޓެކްސް ކަނޑާލިކަން އިއުލާންކުރީ އެގައުމުގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް އިން އަންގާރަ ދުވަހުއެވެ. އަދި މި ނިންމުމަށް ވަނީ ވަގުތުން އަމަލުކުރަން ފަށާފައެވެ.

އެ އިދާރާގެ ނޮޓިފިކޭޝަނުގައިވާ ގޮތުން، އިންޑިއާގެ ތެލުން އާރް.އައި.ސީ ޓެކްސް މާފުކޮށްދޭ ގައުމުތަކުގެ ލިސްޓަށް މިފަހަރު ރާއްޖޭގެ އިތުރުން މޮރިޝަސް ވެސް ވަނީ އިތުރުކޮށްފައެވެ. މީގެ ކުރިން މި ލުއި ދެމުން އައީ ހަމައެކަނި ނޭޕާލް، ބޫޓާން، ބަންގްލަދޭޝް އަދި ސްރީލަންކާއަށެވެ.

މި ޓެކްސް މާފުކޮށްދިނުމާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު ހެޔޮވާނެ ކަމަށް ބެލެވުނު ނަމަވެސް، ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ އޮމާނުންނެވެ. އޭގެ އިތުރުން މެލޭޝިއާ، ސިންގަޕޫރު އަދި ޔޫއޭއީ އަކީ ވެސް ރާއްޖެއަށް ގިނަ އަދަދަކަށް ތެޔޮ އެތެރެކުރާ ގައުމުތަކެވެ.

މިދިޔަ ފެބުރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާއިރު، އިންޑިއާއިން މި ލުއި ދޭން ނިންމީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ އިސްވެރިންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ.